ބޮޑޮފޮޅުދު އަށް ނަގޫރޯޅިއެއް އަރައި ހަ ގެއަކަށް ގެއްލުންވެއްޖެ
ބޮޑޮފޮޅުދު އަށް ނަގޫރޯޅިއެއް އަރައި ހަ ގެއަކަށް ގެއްލުންވެއްޖެ

އއ. ބޮޑޮފޮޅުދު އަށް ރޭ އެރި ނަގޫރޯޅީގައި ހަ ގެއެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އެކަމަކު ރަށު ކައުންސިލުން ބުނީ ރޭ 10:20 ގައި އެރަށު ހުޅަނގު ފަރާތުން އެރި ނަގޫރޯޅީގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

ބޮޑޮފޮޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ވިދާޅުވި ގޮތުގައި ނަގޫރޯޅީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވީ އަލަށް އިމާރާތްކޮށްފައިވާ "ފުއްޓަރު" ގެއަށެވެ. އެގޮތުން އެގޭ މުޅި ފުރާޅު އެއްލާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ސުޖާއު ވިދާޅުވީ ފަސް ގެއެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

"މީހުން ނިދާފައި ތިއްބާ ޓިނުތައް ފެއިބީ ކޮޓަރި ތެރެއަށް. ނަސީބު ރަނގަޅު ކަމުން މީހަކަށް އަނިޔާއެއް ނުވޭ. އަނެއްބައި ގޭގޭ ބަދިގެ ފުރާޅު ވަނީ އެއްލާލައިފައި،" 800 މީހުންގެ އާބާދީއެއް އޮންނަ ރަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ގެއްލުންވި ގޭގޭ މަރާމާތު ކުރުމުގެ މަސައްކަތް އެގޭގޭ ވެރިފަރާތްތަކުން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ އެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް އެ އޮފީހުން ބުނެ އެވެ.