09 މެއި 2018 - 11:11

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އާމްދަނީ 26 ޕަސެންޓް ދަށްވެ، 40،941 ޑޮލަރު (631،310ރ)ގެ ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޓޫރިޒަމްގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް އުފެއްދި ކުންފުންޏަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ލިބިފައި ވަނީ 4.4 މިލިއަން ޑޮލަރު (67.8 މިލިއަން ރުފިޔާ) އެވެ. އޭގެ ކުރީ އަހަރު އާމްދަނީގެ ގޮތުގައި ހަ މިލިއަން ޑޮލަރު (92.5 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީޑީސީ އަށް މިދިޔަ އަހަރު ގެއްލުމާ ކުރިމަތިވިއިރު 2016 ވަނަ އަހަރު އެ ކުންފުންޏަށް 4.5 މިލިއަން ޑޮލަރު (69.3 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.
އެމްޓީޑީސީން އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ ދަރަނީގެ ގޮތުގައި 26.1 މިލިއަން ޑޮލަރު (402.4 މިލިއަން ރުފިޔާ) އެބައޮތެވެ.
އެމްޓީޑީސީގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ، އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު ދަށްވި މައިގަނޑު ސަބަބަކީ ކުއްޔަށް ނަގާފައިވާ ރަށްތައް ސަބްލީސް ކުރުން ފިޔަވައި އިތުރު ވިޔަފާރިއެއް ނުކުރާތީ ކަމަށެވެ. އަދި ހދ. ނާގޯށި އާއި ގއ. ކޮނޑޭމަތީލާބަދު އާއި ނ. އެކުޅިވަރު އަދި ހއ. އުލިގަމުގެ ބިމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާ އެކު ހެދި އެއްބަސްވުންތަކުން ކުންފުންޏަށް ފައިދާވި ނަމަވެސް ދ. އެނބޫދޫ އަދި އޮޅުވެލި (ނިޔާމަ ރިސޯޓު) ހެޑްލީސް ރައިޓްސް ވިއްކާލާފައި ވާތީ މިދިޔަ އަހަރުގެ އާމްދަނީ 2016 ވަނަ އަހަރާ އަޅާބަލާއިރު ދަށްވުމުން ވެސް ފައިދާ ދަށްވި ކަމަށް ރިޕޯޓުގައި ވެ އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ވިދާޅުވެފައި ވަނީ މިދިޔަ އަހަރަކީ އެމްޓީޑީސީ އަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އަހަރެއް ކަމަށެވެ. އަދި ކުރިން ބާތިލް ކޮށްފައިވާ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހިފައިވާ ދަރަނި ކުންފުނީގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ބޮޑުވުމާއި ދުވަހުން ދުވަހަކަށް ލިކުއިޑޭޓެޑް ޖެމޭޖަސްގެ ގޮތުގައި ދަރަނި އިތުރުވަމުން ގޮސްފައިވާތީ، ކުންފުނީގެ ވިޔަފާރި ފުޅާކޮށް، ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަނެވޭނެ ގޮތްތަކެއް ކޮންމެހެން ވެސް ހޯދަން ޖެހިފައި ވެ އެވެ.