24 ޖުލައި 2016 - 12:43

އެކްޓަރު ރަންވީރު ސިންގް ބުނާ ގޮތުގައި އޭނާ މިހާރު ކުޅެމުންދާ ފިލްމު "ބޭފިކްރޭ"ގެ މަންޒަރެއް ނަގަމުން ދިޔައިރު، އޭނާ އެކްޓްކުރަނީ އަނިލް ކަޕޫރާ އެއްގޮތަށް ކަމަށާއި އެހެން ނުހެދުމަށް ފިލްމުގެ ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާ އޭނައަށް އެންގި އެވެ.
"ޕެރިހުގައި ބޭފިކްރޭގެ ޝޫޓިން ކުރިޔަށް ދިޔައިރު އާދީ ސާ (އަދިތުޔާ ޗޯޕްރާ) މަންޒަރެއްގެ މެދުތެރެއިން މަޑުކުރާށޭ ކިޔާފައި އަބުނި ކަލޭ ތި އެކްޓްކުރަނީ އަނިލް ކަޕޫރު ކުރާ ހެންނޭ. ދިލް ދަޅަކްނޭ ދޯ ގައި އަނިލްއާ އެކު މަސައްކަތް ކުރި ފަހުން އޭނާގެ އަސަރު މާބޮޑަށް އަހަންނަށް ކޮށްފައިވާ ކަމަށާއި ދެން ނަގާ މަންޒަރެއްގައި ރަންވީރު ގޮތަށް އެކްޓް ކުރާށޭ އާދީ ބުނި،" އަނިލްގެ ޓެލެވިޒަން ޝޯ '24'ގެ ދެ ވަނަ ސީޒަން ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ސްކްރީނިންގައި ބައިވެރިވުމަށް ފަހު ރަންވީރު ބުންޏެވެ.
މި އިވެންޓުގައި ވެސް ރަންވީރު ވަނީ އަނިލް އެކްޓްކުރާ ގޮތަށް އެކްޓްކޮށް އަނިލް އާ އެކު ފޮޓޯ ވެސް ނަގައިފަ އެވެ.
ރަންވީރު ބުނި ގޮތުގައި އަނިލް އަކީ ވަރަށް މަޖާ ކަންތައް ކުރާ މީހެކެވެ. އަދި އޭނާ އަކީ ވެސް އެގޮތަށް އުޅޭ މީހަކަށް ވާތީ އަނިލް ކޮޕީކުރަން ފަސޭހަވެފައި މަޖާ ކަމަކަށް ވަނީ އެވެ.
އަނިލް އާއި ރަންވީރަކީ ކޮންމެވެސް ވަރަކަށް އާއިލީ ގުޅުން އޮންނަ ދެ އެކްޓަރުންނެވެ. އަނިލްގެ އަންހެނުން ސުނީތާ އަކީ ރަންވީރުގެ ބޮޑުދައިތަ އެވެ.
އަނިލްގެ ދަރިފުޅު ސޯނަމްއާ އެކު ރަންވީރު ފިލްމެއް ކުޅޭތަން ދެކެން ބޭނުންވާ ކަމަށް މީގެ ކުރިން އަނިލް ވެސް ބުނެފައިވެ އެވެ. އަދި އަނިލްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ރާމް ލަކަން" އަލުން އުފައްދާ ނަމަ ލަކަންގެ ރޯލު ރަންވީރު ކުޅެން އެދޭ ކަމަށް އަނިލް މީގެ ކުރިން ބުނެފައިވެ އެވެ.
ރަންވީރު ބުނި ގޮތުގައި ފިލްމު ކުޅެން އޭނާ ބޭނުންވި ހަމައެކަނި ސަބަބަކީ ވެސް އަނިލް ކަޕޫރެވެ. އަނިލްގެ އެކްޓިން އާއި އޭނަގެ ޝަޚްސިއްޔަތު ފެނިފައި ފިލްމު ކުޅުމަށް ޝައުގުވެރިވީ ކަމަށް ރަންވީރު ބުންޏެވެ.