ލިޔޯންގެ ކެޕްޓަން ފެކީރް ލިވަޕޫލަށް؟
ލިޔޯންގެ ކެޕްޓަން ފެކީރް ލިވަޕޫލަށް؟

ލިޔޯން، ފްރާންސް (މެއި 9) - ލިޔޯންގެ ކެޕްޓަން ނަބީލް ފެކީރް ލިވަޕޫލަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އުމުރުން 24 އަހަރުގެ ފެކީރް އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ މިދިޔަ ޖެނުއަރީ މަހު ތެރޭގައި ބައްދަލުކޮށްފަ އެވެ. އަދި ފެކީރް އާއި ކްލޮޕާ ދެމެދު އަނގަބަހުން ޓްރާންސްފާގެ ހުރިހާ ކަމެއް އެއްބަސްވެފައިވާ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އަލްޖީރިއާ އަށް އުފަން ފެކީރް ހޯދަން ލިވަޕޫލުން 61 މިލިއަން ޕައުންޑުގެ ބިޑެއް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލިވަޕޫލުން ފެކީރް ގެންނަން ނިންމީ މިހާރު އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާންގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާތީ އެވެ. ރިޕޯޓްތައް ބުނާގޮތުން ޗާން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވާން ވަނީ ނިންމައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ޗެލްސީ އަތުން ލިވަޕޫލް ބަލިވި މެޗަށް ފަހު ފެކީރްގެ ޓްރާންސްފާއާ ގުޅޭގޮތުން ކްލޮޕާ ސުވާލުކުރުމުން އޭނާ ދިނީ ނުސީދާ ޖަވާބެކެވެ. އޭނާ ބުނީ ޓްރާންސްފާގެ ކަންތައްތަކާ އެއްވެސް އިރެއްގައި މީޑިއާގައި ވާހަކަ ނުދައްކާ ކަމަށެވެ.

ފަހަކަށް އައިސް ލިވަޕޫލުން ގެނައި ގިނަ ކުޅުންތެރިންނާ އެކު އެންމެ ފުރަތަމަ މަޝްވަރާކުރަނީ ކްލޮޕް އެވެ. އޭގެ ތެރޭގައި ޖެނުއަރީ މަހު ލިވަޕޫލަށް ބަދަލުވި ވާޖިލް ވެން ޑައިކް ހިމެނެ އެވެ. އަދި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސަލާހު އާއި އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ލިވަޕޫލަށް ސޮއިކުރުމުގެ ކުރިން ވަނީ ކްލޮޕްއާ ބައްދަލުކޮށްފަ އެވެ.

ފްރާންސް ގައުމީ ޓީމަށް 10 މެޗު ކުޅެދީފައިވާ ފެކީރް އަންނަނީ މި ސީޒަނުގައި ލިޔޯނަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ފެކީރް ހޯދަން އިންޓަ މިލާނާއި އާސެނަލުން ވަނީ ޖެނުއަރީ މަހުގައި މަސައްކަތް ކޮށްފަ އެވެ. ފެކީރް ވަނީ މި ސީޒަނުގައި މިހާތަނަށް 20 ގޯލު ޖަހައި ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.