އުއްތަމަ ފަނޑިޔާރަށް ކުރީ ނުހައްގު ހުކުމެއް: އިދިކޮޅު
އުއްތަމަ ފަނޑިޔާރަށް ކުރީ ނުހައްގު ހުކުމެއް: އިދިކޮޅު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށް ލާން މިއަދު އިއްވީ ނުހައްގު ހުކުމެއް ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.

ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި މައްސަލައިގައި ކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ހުކުމާ ގުޅިގެން ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރެވޭ ކަމާ މެދު ދިވެހިން ކުރަމުން އަންނަ ޝައްކު އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

ހުސެއިން ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ވަނީ ގާނޫނުއަސާސީން ކަނޑައަޅާފައި އޮތް އިޖުރާއުތަކުގެ ބޭރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެވެ. އެމަނިކުފާނު ހައްޔަރު ކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ދިފާއުގައި ހެކި ހުށަހެޅުމުން، ބައެއް ދިފާއީ ހެކިވެރިންނަށް ހެކި ދިނުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ގާނޫނުއަސާސީގައި ކުށުން ބަރީއަވުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ލިބިގެންވާއިރު، އުއްތަމަ ފަނޑިޔާރު އެ ހައްގު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަރީއަތްކޮށް ނިންމާލީ ފަޓާސް ބަރިއެއް ހިނގާހެން. އެހާ ބާރު ސްޕީޑުގައި (ހުކުމް) ކޮށް ނިންމާލީ. އެކަށީގެންވާ ގާނޫނީ އެހީތެރިކަން އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަތުމުގެ ފުރުސަތު ނުލިބި އެކަން ހިނގައި ދިޔައީ،" ޝަރީއަތް ހިނގައިދިޔަ ގޮތަށް ފާޑު ކިޔައި ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހުކުމް ކުރީ ވަކި ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރުވީ "ކަންބަޅިއެއް ގޮތަށް" ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ލިޔެކިޔުންތައް ބަދަލު ކުރަންވާނީ ޖެމްސް މެދުވެރިކޮށް ކަމަށް ބުނާ އެއްވެސް ގާނޫނެއް ނެތް ކަމަށާއި އުއްތަމަ ފަނޑިޔާރަށް ހުކުމް އައި ގޮތާ މެދު ދިރާސާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝީރާޒީ ފަނޑިޔާރަށް ފަހު" ރާއްޖޭގައި މިހާ ބޮޑު އަނިޔާއެއް ލިބިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރަށް ކަމަށާއި ރައްޔިތުން އެކަމާ ލަދުވެތިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް އަނިޔާ ލިބިވަޑައިގަންނަވަނީ ގާނޫނީ ޒިންމާ އަދާކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުން ކުރަމުން އަންނަ ކަންކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް ވިދާޅުވީ ރާއްޖޭގައި މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު ނެތް ކަމަށެވެ. ހާއްސަކޮށް، އިލެކްޝަންސް ކޮމިޝަން ހިނގަނީ ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން އޮފީހެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ވަކީލުން ވަނީ ނިންމައިފަ އެވެ. މިއީ ރާއްޖޭގެ އުއްތަމަފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ޖަލަށް ލާން ހުކުމްކުރި ފުރަތަމަ ފަހަރެވެ.