ބޭސްފަރުވާގެ ހައްގު ހޯދަން އަދީބު ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ބޭސްފަރުވާގެ ހައްގު ހޯދަން އަދީބު ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ބޭސްފަރުވާގެ ހައްގު ހޯއްދެވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

އެމަނިކުފާނުގެ ވަކީލް މޫސާ ސިރާޖް ވިދާޅުވީ، އަދީބު ހުށަހެޅުއްވި ބޭސްފަރުވާގެ މައްސަލަ ބޭރުކޮށްލީ ގައިދީން ބޭސްފަރުވާ ކުރުމުގެ ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތް ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ހުކުމް އިއްވަމުން އެ މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުﷲ ރިއާޔަތްކުރެއްވީ، ގަވާއިދުގައި ނެތް މާއްދާއަކަށް ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

މޫސާ ސިރާޖު ވިދާޅުވި ގޮތުގައި އެއީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ގަވާއިދެވެ. ނަމަވެސް އޭގައި، ގާޒިީ ރިއާޔަތްކުރެއްވި މާއްދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަދީބަށް ބޭސްފަރުވާގެ ހައްގު ހޯދުމަށް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

"ނުވެސް ނެތް ގަވާއިދަކާ ހަވާލާދީފައި ކޯޓުން މި ނިންމީ، އެ މައްސަލަ ނުބެލޭނެ ކަމަށް. ތިން ސޮފްހާގެ ގަވާއިދު ބަލާލި ނަމަވެސް އެނގޭނެ ގާޒީ ހަވާލަ ދެއްވި ގަވާއިދެއް ނެތް ކަން،" ސިރާޖު ވިދާޅުވި އެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްލީ، މައްސަލަ ބަލައިގަނެ ހަ މަސް ފަހުން ކަމަށާއި ބޭސްފަރުވާގެ ކަންކަން ލަސްވަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

އަދީބުގެ ބޭސްފަރުވާގެ މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ނިންމިއިރު، އެމަނިކުފާނުގެ ހާލުކޮޅު ދެރަވެ ލޮލުގެ ފެނުން ދަށްވަމުން ދާ ކަމަށް އާއިލާ އާއި ވަކީލުން ވަނީ ބުނެފަ އެވެ.

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ ބޭސްފަރުވާގެ ކަންކަން ލަސްވަމުންދާތީ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލަ އދ. އަށް ވެސް ހުށަހަޅާފައި ވެ އެވެ.