މިހާތަނަށް 30،000 ބާގަ ކައިފި، އަދިވެސް ހިތެއް ނުފުރޭ
މިހާތަނަށް 30،000 ބާގަ ކައިފި، އަދިވެސް ހިތެއް ނުފުރޭ

އެމެރިކާ މީހަކު 46 އަހަރު ތެރޭ 30،000 ބާގަ ކައިގެން "ރެކޯޑް" ހަދައިފި އެވެ.

ޑޮން ގޯސްކީ، 64، ނިއު ޔޯކް ޕޯސްޓަށް ކިޔައިދީފައިވާ ގޮތުގައި އޭނާ 1972 ވަނަ އަހަރުން ފެށިގެން ކޮންމެ ދުވަހަކު މެކް ޑޮނަލްޑް ބާގަ ކައެވެ. އޭނާ 30،000 ވަނަ ބާގަ ކެއީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭނާ ބުނާ ގޮތުން ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު މިއީ އޭނާ ބުނާ ވާހަކައެކެވެ؛ ހަގީގަތެއް ނޭނގެ އެވެ.

ގޯސްކީ ބުނި ގޮތުގައި އޭނާ ކޮންމެ ހަފުތާއަކު 14 "ބިގް މެކް ބާގަ" ކައެވެ. އޭނާ އަށް 2016 ވަނަ އަހަރު ވަނީ 28،788 ބާގަ ކައިފައި ވާތީ، އެންމެ ގިނަ ބާގަ ކޭ މީހާގެ ދުނިޔޭގެ ރެކޯޑް ރަސްމީކޮށް ލިބިފަ އެވެ. އެހެންވެ މިހާރު އޭނާގެ ރެކޯޑް އިތުރަށް ވަރުގަދަވީ އެވެ.

ގޯސްކީގެ އެންމެ ހާއްސަ ކަމަކީ އޭނާ ކޮންމެ ދުވަހަކު ވެސް ހަމަ އެއް ރެސްޓޯރަންޓަކުން ބާގަ ކެއުމެވެ. އަލަށް މެކް ބާގައެއް ކޭ ފަހުން، ގޯސްކީ ބާގައެއް ނުކައި ހުރީ އެންމެ އަށް ދުވަހު އެވެ. އޭނާ ނޫހަށް ކިޔައިދީފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ދުވަހަކު ސްނޯ ސްޓޯމެއްގެ ތެރޭގައި ވެސް ބޭރަށް ނިކުމެ، ބާގަ ކާ ތަނަށް ދިޔައިރު އެތަން ބަންދުކޮށްފައި ހުރި ދުވަހަކެވެ.

"އަހަރެން މަންމައަށް ވައުދެއް ވެސް ވީން. އެއީ މަންމަ ބުނީ މަންމަ މަރުވާ ދުވަހު، މަންމަގެ ހަނދާނުގައި، އެ ދުވަހު ބާގަ ނުކެއުމަށް. އެގޮތަށް ކަންތައް ކުރިން،" މި ވައުދާ އެއްގޮތަށް، ގޯސްކީ ބުނީ އޭޕްރީލް 27، 1988 ގައި މަންމަ މަރުވުމުން އެ ދުވަހު ވެސް ބާގަ ނުކައި ކަމަށެވެ.

އޭނާ ނޫހަށް ކިޔައިދީފައިވާ ގޮތުގައި މެކް ޑޮނަލްޑްގެ ބާގާގެ ކޮންމެ އެއްޗެއް ވެސް އޭނާއަށް މީރެވެ. އެހާ ގިނައިން އެ ކައި އިރު ވެސް އަދިވެސް ހިތް ނުފުރޭ ކަމަށް އޭނާ ބުންޏެވެ.

ގޯސްކީ ދައުވާކުރާ ގޮތުގައި އެހާ ގިނައިން ބާގަ ކެޔަސް އާދައިގެ މީހަކަށް ވުރެ އޭނާގެ ސިއްހަތު ރަނގަޅެވެ. އޭނާ ބުނީ ކޮލެސްޓްރޯލް ހުރީ 165 ގައި ކަމަށާއި ބަރުދަނަކީ 86 ކިލޯގްރާމް ކަމަށެވެ.