ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ ކައިވެނިކޮށްފި
ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ ކައިވެނިކޮށްފި

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ނިއު ދިއްލީގެ ވިޔަފާވެރިޔާ އާނަންދު އަހޫޖާ މިއަދު ކައިވެނިކޮށްފި އެވެ.

ދެ މީހުންގެ ކައިވެނީގެ ހަފުލާ އޮތީ މުމްބާއީގައި، ސޯނަމްގެ ބޮޑުދައިތައެއްގެ ގޭގަ އެވެ. ކައިވެނީ ހަފުލާ ބޭއްވި އިންޑިއާގެ ސިކުންގެ އާދަތަކާ އެއްގޮތަށެވެ. ކައިވެނީގެ ހަފުލާގައި ސޯނަމް ހުރީ ރަތް ކުލައިގެ ސާޅީއެއްގަ އެވެ. އާނަންދު ހުރީ ރަން ކުލައިގެ ޝެރްވާނީއެއްގަ އެވެ.

ކައިވެނީގެ ހަފުލާގައި ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ބައިިވެރި އެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަން، އަބިޝެކް ބައްޗަން، ރާނީ މުކަރްޖީ، ކަރަން ޖޯހަރް، ކެޓްރީނާ ކެއިފް، ވަރުން ދަވަން، ކަރީނާ ކަޕޫރް، ސައިފް އަލީ ހާން، ޖެކްލީން ފެނާންޑޭޒް، ކަރިޝްމާ ކަޕޫރް، އާމިރް ހާނާއި އަންހެނުން ކިރަން ރާއޯ އަދި ސްވަރާ ބާސްކަރަ ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.

ކައިވެނީގެ ހަފުލާ އަށް ފަހު ބާއްވާ މެހުމާނުންނަށް ބާއްވާ ރިސެޕްޝަނެއް މުމްބާއީގެ ދަ ލީލާ ހޮޓެލްސްގައި މިރޭ 8:00 އިން ފެށިގެން ކުރިއަށް ދާނެ އެވެ.

ސޯނަމަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ސޯނަމާއި އާނަންދު ކައިވެނިކޮށްފައި މި ވަނީ ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް ދެ އަހަރު ދުވަސް ފަހުންނެވެ. އެކަމަކު އިއްޔެ ބޭއްވި ކައިވެނީގެ މެހެދީ ސެރެމަނީއާ ހަމައަށް ސޯނަމް ރަސްމީކޮށް، އާނަންދުއާ ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަހެއް ވެސް ނުވެ އެވެ.

ކައިވެންޏަށް ފަހު، ދެން ސޯނަމް އެންމެ އަވަހަށް ދަތުރު ހަދާނީ މިއަދު ފްރާންސްގައި ފެށި ކާންސް ފިލްމް ފެސްޓިވަލަށް ދާށެވެ. އޭނާއަކީ އެ ފެސްޓިވަލްގައި ކޮންމެ އަހަރަކު ބައިވެރިވާ ފަންނާނެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ސޯނަމާ އެކު، ފިރިމީހާ އާނަންދު މި ފަހަރު ކާންސަށް ދާނެ އެވެ.

ފެބްރުއަރީ މަހު ރިލީޒް ކުރި "ޕެޑްމޭން" އަށް ފަހު، ސޯނަމްގެ ތިން ފިލްމެއް އަދި މި އަހަރު ރިލީޒް ވާން އެބަ އޮތެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމް "ވީރޭ ދީ ވެޑިން" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 1 ގަ އެވެ. އަދި ޖޫން 29 ގައި ރިލީޒް ކުރާ "ސަންޖޫ" ވެސް އޭނާ ފެނިގެން ދާނެ އެވެ.

މީގެ އިތުރުން ބައްޕަ އަނިލްއާ އެކު ކުޅެފައިވާ "އެކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" އޮކްޓޯބަރު 18 ގައި ސިނަމާތަކަށް އަންނާނެ އެވެ.