ބޮޑު ކްލަބަކަށް ހިނގައްޖެ ނަމަ މާރޭޒްގެ ކުޅުން ގެއްލޭނެ: ރަނިއޭރީ
ބޮޑު ކްލަބަކަށް ހިނގައްޖެ ނަމަ މާރޭޒްގެ ކުޅުން ގެއްލޭނެ: ރަނިއޭރީ

ގްލާސްގޯ، ސްކޮޓްލެންޑް (ޖުލައި 24) - ލެސްޓާ ސިޓީ ދޫކޮށް އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދް މާރޭޒް ބޮޑު ކްލަބަކަށް ބަދަލުވެއްޖެނަމަ އޭނާގެ މޮޅު ކުޅުން ގެއްލޭނެ ކަމަށް ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ވަނީ މާރޭޒަށް 50 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. އަދި އޭނާ ހޯދުމަށް އިންޓަ އާއި އެތުލެޓިކޯ މެޑްރިޑުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރޭ ސެލްޓިކް ކޮޅަށް ލެސްޓާގެ ލަނޑު ކާމިޔާބުކުރީ މާރޭޒް އެވެ. ސެލްޓިކް އަތުން ރޭ ލެސްޓާ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

ރަނިއޭރީ ބުނީ މާރޭޒްގެ މޮޅު ކުޅުން ފެންނާނީ ލެސްޓާގައި ހުރެގެން ކަމަށެވެ.

"މާރޭޒްގެ މޮޅު ކުޅުން މި މެޗުން ވެސް ފެނިއްޖެ. މާރޭޒަކީ ލެސްޓާގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ. ބޮޑު ކްލަބަކަށް ގޮސްފިނަމަ މާރޭޒް އިންނަން ޖެހޭނީ ގިނަ މެޗުތަކުގައި ބެންޗުގައި. މިއީ އޭނާގެ މޮޅު ކުޅުން ގެއްލޭނެ ސަބަބެއް،" ރޭ ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރަނިއޭރީ ބުންޏެވެ.

މިދިޔަ ސީޒަނުގައި ލެސްޓާ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު މާރޭޒް ވަނީ 17 ލަނޑު ޖަހައިފަ އެވެ. ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެސް މާރޭޒަށެވެ

މާރޭޒް ލެސްޓާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ފްރާންސްގެ ލެ ހާވްރޭ އިން 350،000 ޕައުންޑަށެވެ.