08 މެއި 2018 - 14:11

ނިއު ޔޯކް (މެެއި 8) - ހަތަރު އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތާ އެކު ނިއު ޔޯކުގެ އެޓާނީ ޖެނެރަލް އެރިކް ޝްނެއިޑަމަން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މީގެ ތެރޭން ދެ އަންހެނަކު ވަނީ އެ މީހުންނަކީ ޝްނެއިޑަމަން، 63، ގެ ކުރީގެ ލޯބިވެރިން ކަމަށް ބުނެފަ އެވެ. ޝްނެއިޑަމަންގެ މައްޗަށް އަންހެނުންތަކެއް މި ތުހުމަތު ކުރި އިރު އޭނާ އަކީ އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ހިންގި #މީޓޫ ކެމްޕޭނަށް ތާއީދުކުރި ފަރާތެކެވެ.
ޝްނެއިޑަމަން ވިދާޅުވީ އޭނާ އެއްވެސް މީހަކަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި ނުރުހުމުގައި ޖިންސީ އެއްވެސް ގޯނާއެއް ކޮށްފައި ވެސް ނުވާނެ ކަމަށާ އަދި އެއީ އޭނާ ހުރަސް ނުކުރާނެ ރޮނގެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ތުހުމަތުތަކާ ދެކޮޅު ހަދާނެ ކަމަށާއި އެކަމަކު އިސްތިއުފާ ދެއްވަނީ ކަމަށެވެ.
"މިއީ އަޅުގަނޑުގެ ޕްރޮފެޝަނަލް މަސައްކަތާ ގުޅުމެއް ނެތް ތުހުމަތުތަކެއް. އެކަމަކު މި ނާޒުކް ވަގުތުގައި އެޓާނީ ޖެނެރަލްގެ އޮފީސް ހިންގުމަށް އެކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާނެ،" ޝްނެއިޑަމަން ވިދާޅުވި އެވެ.
ތުހުމަތުތަކާ ގުޅިގެން ނިއު ޔޯކުގެ ގަވަރްނަރު އެންޑްރޯ ކޫމޯ ވަނީ ޝްނެއިޑަމަން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.
"އެއްވެސް މީހަކަށް ގާނޫނުގެ މަތީގައި ނުހުރެވޭނެ. އެއީ ނިއު ޔޯކުގެ އެންމެ އިސް ލީގަލް އޮފިސަރު ކަމަށް ވިޔަސް. އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން އެރިކް ޝްނެއިޑަމަން އަށް ދެން މަސައްކަތް ކުރެވިދާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ކޫމޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝްނެއިޑަމަންގެ މައްޗަށް ކުރި ތުހުމަތުތައް ބެލުމަށް ޕްރޮސެކިއުޓަރަށް އަންގަވާނެ ކަމަށެވެ.