08 މެއި 2018 - 13:22

ކުއާލަ ލަމްޕޫރު (މެއި 8) - މެލޭޝިއާގައި މާދަމާ އާއްމު އިންތިޚާބު ބާއްވާ އިރު ވޯޓުލާ މީހުންގެ ލިސްޓުގައި ބޮޑެތި އޮޅުންތަކެއް އެބަހުރި ކަމަށް އިންތިޚާބު މޮނިޓާ ކުރާ ގްރޫޕަކުން ބުނެފި އެވެ.
އިންތިޚާބު މޮނިޓާ ކުރާ އަމިއްލަ ގްރޫޕެއް ކަމަށްވާ ބަރްސިހްގެ އެގެޒެކެޓިވް ޑިރެކްޓަރު ޔަޕް ސްވީ ސެންގް ވިދާޅުވީ ވަކި އެޑްރެހެއް ނެތި ދެ މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފައިދާ ވާނީ ސަރުކާރަށް ކަމަށް އެ ގްރޫޕުން ބުނެ އެވެ.
އިންތިޚާބުގައި ވޯޓުލުމަށް ވަނީ 15 މިލިއަން މީހުން ރަޖިސްޓްރީކޮށްފަ އެވެ. ޔަޕް ސްވީ ސެންގް ވިދާޅުވީ ވޯޓާސް ލިސްޓުން ބޮޑު 10 މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިނިވަން އިންތިޚާބެއް ބޭއްވުމުގެ ޔަގީންކަން ދިނުމަށް މެލޭޝިއާގެ އިލެކްޝަން ކޮމިޝަން ނުކުޅެދިފައިވާ ކަމަށެވެ.
މިއީ މެލޭޝިއާގެ ތާރީޚުގައި ބާއްވާ އެންމެ "ހުތުރު" އިންތިޚާބަށް ވާނެ ކަމަށް ބައެއް ތަޖްރިބާކާރުން ދަނީ ބުނަމުންނެވެ.
"މިއީ ވަރަށް ވާދަވެރި އިންތިޚާބަށް ވާނެ. އެކަމަކު ވޯޓުލާން ދާއިިރު ހުރި މިފަދަ އޮޅުންތަކުގެ ސަބަބުން ފައިދާ ވާނީ ސަރުކާރު ކޯލިޝަނަށް،" ޔަޕް ސްވީ ސެންގް ވިދާޅުވި އެވެ. "އިލެކްޝަން ކޮމިޝަނުގެ އަމަލުތަކާ މެދު އަހަރެމެން މި ތިބީ ވަރަށް ހިތްހަމަނުޖެހިފައި."
ބެރްސިހް އިން ބުނި ގޮތުގައި ވޯޓާސް ލިސްޓުގައި އެކަކު ދެ އެޑްރެހެއްގައި ރަޖިސްޓްރީ ކުރުމާއި މަރުވެފައިވާ މީހުން ވެސް ލިސްޓުގައި ހުރިކަން ފާހަގަ ކުރެވެ އެވެ.
ޔަޕް ސްވީ ސެންގް ވިދާޅުވީ ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމަކު ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި އެފަދަ ގޯސްތައް އަނބުރާ ލެވޭނީ ވީހާ ވެސް ގިނަ ބަޔަކު މާދަމާ ވޯޓުލާން ނުކުމެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނާ އެމަނިކުފާނާ ގުޅުވާފައިވުމެވެ. އަދި ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު އިދިކޮޅު ކެންޑިޑޭޓަކަށް ނުކުންނެވުމަކީ ވެސް ނަޖީބަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.