ފައިސަލްގެ ޕާސްޕޯޓު ހިފެހެއްޓުމުން ދަރިފުޅުގެ ފަރުވާ އަށް ފުރާވަޑައެއްނުގެންނެވުނު
ފައިސަލްގެ ޕާސްޕޯޓު ހިފެހެއްޓުމުން ދަރިފުޅުގެ ފަރުވާ އަށް ފުރާވަޑައެއްނުގެންނެވުނު

ރައްޔިތުންގެ މަޖިލީގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން، އޭނާގެ ދަރިފުޅުގެ އޮޕަރޭޝަނަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިނުގެންނެވުނު ކަަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ފައިސަލް ވިދާޅުވީ އޯޓިޒަމް ހުންނަ 13 އަހަރުގެ ފިރިހެން ދަރިފުޅުގެ އޮޕަރޭޝަނެއް އިންޑިއާގައި މިއަދު ކުރާނެ ކަމަށެވެ. އެ ވަގުތު ދަރިފުޅާއެކު ހުންނެވުމަށް ކިތަންމެ ބޭނުންވިއަސް އެ ފުރުސަތު ނިގުޅައިގަނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާޗް 16ގައި އޭނާގެ ޕާސްޕޯޓު އެއް މަސް ދުވަހަށް ހިފެހެއްޓި އިރު ވެސް ދަރިފުޅުގެ ފަރުވާ އަށް ބޭރަށް ވަޑައިގަތުމަށް އޮތީ ނިންމައިފަ އެވެ. ޕާސްޕޯޓު ހިފެހެއްޓި މުއްދަތު ހަމަވުމުން، ދެ ވަނަ ފަހަރަށް ޕާސްޕޯޓު ހިފެހެއްޓީ ދަރިފުޅާއެކު ފުރަން އެއާޕޯޓުގައި ހުއްޓައި ކަމަށް ވިދާޅުވި އެވެ.

"މި ވާހަކަ އަޅުގަނޑު ނުދައްކައި މިހުރީ، އަޅުގަނޑަށް ވުރެން ހިތްދަތިކަމުގައި އެހެން މީހުން އުޅޭތީ. އަޅުގަނޑަށް ފުރޭނެ ގޮތެއް ހަމަޖައްސައިދޭން އެދިގެން އެކަން ވެސް ނުކޮށްދިން،" ފައިސަލް ވިދާޅުވި އެވެ.

އެއްވެސް ސަބަބެއް ނެތި، ނުހައްގުން އަނިޔާ ލިބި، އާއިލާ އަށް އަދާކޮށްދޭން ޖެހޭ ހައްގުތަކުން މަހްރޫމްވަމުންދާ ކަމަށް ވިދާޅުވެ ފައިސަލް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ، އިދިކޮޅު މުޒާހަރާއަކަށް މީހުން މާލެ އަންނަން ގޮވާލައި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ވާހަކަތަކާ ގުޅިގެން، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު އޭނާގެ މައްޗަށްކޮށް، މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.