އުއްތަމަ ފަނޑިޔާރު ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފް ކުރަނީ
އުއްތަމަ ފަނޑިޔާރު ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފް ކުރަނީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ވަކީލުން ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔެ ކިޔުންތައް ބަދަލުކުރަން އޮންނަ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)، ސުޕްރީމް ކޯޓުގައި ބޭނުންކުރުން ހުއްޓުވާލަން އެމަނިކުފާނު އެންގެވި ކަމަށް ބުނާ މައްސަލާގަ އެވެ.

މިއީ ރާއްޖޭގެ އުއްތަމަފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ޖަލަށް ލާން ހުކުމްކުރި ފުރަތަމަ ފަހަރެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން ނިންމައި، އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަން އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ކަށަވަރުކޮށް ދިނެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން އުއްތަމަ ފަނޑިޔާރަށް ލިބޭނީ 10 ދުވަހުގެ މުއްދަތެވެ. އަދި ފަނޑިޔާރުންގެ ގާނޫނު މިހާރު އޮތް ގޮތުން، އެ މައްސަލަ އިސްތިއުނާފް ކޮށްފި ނަމަ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން އެ މައްސަލަ ނިންމަން ޖެހޭނެ އެވެ.

އެ މައްސަލާގެ އިސްތިއުނާފް މަރުހަލާތައް ނިމޭއިރު ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ، އުއްތަމަ ފަނޑިޔާރު އޮޓަމެޓިކުން މަގާމުން ވަކިވާނެ އެވެ.

މި ބަދަލު ގާނޫނަށް ގެނައީ ވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، ފެބްރުއަރީ 1 ގެ އަމުރަށް ފަހު، ހައްޔަރުކޮށްފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި އެއީ ސަރުކާރު ވައްޓާލަން ނެރުނު އަމުރެކެވެ.

އެކަމަކު ގާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލިހުގައި ނަގާ ވޯޓެއްގެ ތިން ބައި ކުޅަ ދެ ބައި ލިބިގެންނެވެ. ގާނޫނުއަސާސީ ބަދަލުނުކޮށް، ގާނޫނަކުން އެގޮތަށް ކަނޑަނޭޅޭނެ ކަމަށް، ބައެއް ފަރާތްތަކުން ބުންޏަސް، ސުޕްރީމް ކޯޓުން ވަނީ، ހަމައެކަނި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ތިބެގެން ފާސްކުރި އިސްލާހު ސައްހަ ކަމަށް ނިންމައިފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމުން ސުޕްރީމް ކޯޓު މިހާރު ހިންގަމުން އަންނަނީ އެންމެ ތިން ފަނޑިޔާރުން ތިއްބަވައިގެންނެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރާ އިތުރު ހަތަރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އެބަ އޮތެވެ. އެއީ ޓެރަރިޒަމްގެ ދައުވާއަކާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.