އެންމެ އުނދަގުލީ ޕްރިމިއާ ލީގު ހޯދަން: ގާޑިއޯލާ
އެންމެ އުނދަގުލީ ޕްރިމިއާ ލީގު ހޯދަން: ގާޑިއޯލާ

ލަންޑަން (މެއި 8) - އޭނާ މަސައްކަތްކުރި ލީގުތަކުގެ ތެރެއިން އެންމެ އުނދަގުލީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަން ކަމަށް މި ސީޒަނުގައި އެ މުބާރާތް ކާމިޔާބުކުރި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ ވަނީ މީގެ ކުރިން ބާސެލޯނާއާ އެކު ތިން ފަހަރު ސްޕެނިޝް ލީގާއި ބަޔާން މިއުނިކާ އެކު ތިން ފަހަރު ޖަރުމަނު ލީގު ކާމިޔާބު ކޮށްފަ އެވެ. ސިޓީން ލީގު ކަށަވަރުކުރީ ބާކީ ފަސް މެޗު އޮއްވަ އެވެ. ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ހަޑްސްފީލްޑް ޓައުންއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ސިޓީން ވަނީ ލީގު ތަށި އުފުލާލައިފަ އެވެ.

"އަސްލު އެންމެ އުނދަގުލީ ޕްރިމިއާ ލީގު ހޯދަން. މިއީ ވަރަށް އުނދަގޫ ލީގެއް. އެއީ ވާދަކުރަން ޖެހޭ ޓީމުތަކުގެ ކޮލިޓީ ރަނގަޅުވެފައި ވަރުގަދަ ވުމުން،" ސިޓީން ލީގު ތަށި އުފުލާލުމަށް ފަހު ބޭއްވި އުފާފާޅު ކުރުމުގެ ތެރެއިން ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.

ސިޓީން މި ސީޒަނުގައި ވަނީ ދެ ތަށި ހޯދައިފަ އެވެ. އެއީ ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި ލީގު ކަޕެވެ. އެފްއޭ ކަޕުން ކެޓީ ވިގަން އެތުލެޓިކް އަތުންނެވެ. ޗެމްޕިއަންސް ލީގުގައި އެ ޓީމު ކަޓުވާލީ ކުއާޓަ ފައިނަލުގައި ލިވަޕޫލުންނެވެ.

ގާޑިއޯލާ ބުނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށާއި އެއީ ވާދަވެރި ޓީމުތަކުން ސިޓީ ފަހަތަށް ޖައްސާލަށް ވަރަށް ބޮޑަށް ބޭނުންވާނެތީ ކަމަށެވެ.

"ސިޓީގައި އޮތީ ޒުވާން ޓީމެއް. މި ޓީމު ކުރިމަގުގައި ވަރަށް މޮޅަށް ކުޅޭނެ. އެކަމަކު އެބަ ބޭނުންވޭ އާ ކުޅުންތެރިން ވެސް. އެއީ ކޮލިޓީ ހޯދުން މުހިއްމީ. އިދިކޮޅު ޓީމުތަކުން ވެސް ރާވާނީ ސިޓީ ފަހަތަށް ޖައްސާލަން،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް ލީގުގައި ބާކީ އޮތީ މާދަމާރޭ ބްރައިޓަން އާއި އަންނަ އާދިއްތަ ދުވަހު ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.