08 މެއި 2018 - 12:08

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ކުރައްވާނީ އެމަނިކުފާނަށް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދު "މިހާރު" އަށް ވިދާޅުވީ އިންތިޚާބުގައި ވާދަކުރައްވަން ނަޝީދަށް އެއްވެސް ހުރަހެއް ނެތް ކަން، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ފެބުރުއަރީ 1 ގައި ނެރުއްވި އަމުރުން އޮތީ ސާފުވެފައި ކަމަށެވެ.
އެކަމަކު، ނަޝީދު ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ އެ ބައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 6 ގައި ވަނީ ބާތިލް ކޮށްފަ އެވެ. އެހެންވެ، ސިޔާސީ އިދިކޮޅު ލީޑަރުން ދޫކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރުގެ އެ ބަޔަށް ދެން އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ،
ޝާހިދު ވިދާޅުވީ، ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ގާނޫނީ އިޖުރާއަތުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތަކާ ވެސް ޚިލާފަށް ކަން ކަނޑައަޅައި އެމަނިކުފާނުގެ މަދަނީ އަދި އިންތިޚާބީ ހައްގުތައް ދިނުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ވެސް ގޮވާލައިވާ ކަމަށެވެ.
"ރައީސް ނަޝީދަށް ހުރަހެއް ނެތް ކަން ވަރަށް ސާފު. [އެމްޑީޕީގެ] ޕްރައިމަރީގައި އަޅުގަނޑު ތާއީދުކުރާނީ ރައީސް ނަޝީދަށް،" ޝާހިދު ވިދާޅުވި އެވެ.
ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ރޭ ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވި ގޮތުގައި ގާނޫނީ ކަންކަމުގެ ވާހަކައެއް މި ސަރުކާރަކަށް ނުދެއްކޭނެ އެވެ. މިއީ ގާނޫނާ އެއްގޮތަށް އެއްވެސް ކަމެއް ކުރާ ސަރުކާރެއް ނޫން ކަަމަށް ޝާހިދު ވިދާޅުވި އެވެ.
ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އުސޫލްތަކަށް ވެސް، ޝާހިދު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ދަނީ ގޮންޖަހަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީ އަށް ފަހު، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން ޕްރައިމަރީއެއް ބާއްވާނެ ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ބަލިކުރެވޭވަރުގެ ކެންޑިޑޭޓަކު އިދިކޮޅުން ނެރޭނެ ކަަމަށެވެ. އެ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން، ރައީސް ޔާމީން ބޮޑުތަނުން ބަލިކޮށްފައި، ރައްޔިތުން އެދޭ ހެޔޮވެރިކަމެއް އަލުން އިޔާދަކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 30 ގަ އެވެ. ނަޝީދު ފިޔަވައި އެހެން ބޭފުޅަކު ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އަދި އިއުލާން ކުރައްވައިފައެއް ނުވެ އެވެ.
އިންތިޚާބުގައި ވާދަކުރެއްވުމުގެ ހުރަހެއް ނަޝީދަށް ނެތް ކަަމަށް ޝާހިދު ވިދާޅުވިޔަސް، އާޒިމާ ވިދާޅުވީ އެމަނިކުފާނު ވާދަކުރެއްވުމުގެ ފުރުސަތު ދޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. ނަޝީދަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓަށް ވެސް ބާތިލެއް ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.