07 މެއި 2018 - 23:59

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ބަލަން ފެށި މައްސަލަތައް އިތުރުވެއްޖެ އެވެ.
އޭސީސީން މިއަދު ބުނީ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، އޭސީސީއަށް ހުށަހެޅިފައިވާ 162 މައްސަލައާއި އޭސީސީން އިސްނަގައިގެން ބަލަންފެށި 118 މައްސަލައާއެކު ޖުމްލަ 280 މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރަޖިސްޓްރީ ކޮށްފައި ވަނީ 274 މައްސަލައެވެ.
އޭސީސީން ބުނީ ހުށަހެޅުނު 280 މައްސަލައިގެ ތެރެއިން ބަލަން ނިންމާފައިވަނީ 248 މައްސަލަ ކަމަށެވެ. މިދިޔަ އަހަރު ފުރަތަމަ ތިން މަހުވެސް ބަލާފައިވަނީ އެ އަދަދަށެވެ.
އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެހެން މުއައްސަސާތަކުން ބަލަންޖެހޭ 16 މައްސަލައެއް އެހެން މުއައްސަސާތަކަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީން ބުނެ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އެފަދަ 20 މައްސަލައެއް އެހެން މުއައްސަސާތަކަށް ފޮނުވާފައިވެ އެވެ.
އޭސީސީގެ މެންޑޭޓުގައި ނުހިމެނޭތިއްޔާއި އެކަށީގެންވާ މައުލޫމާތު ނުލިބޭތީ 36 މައްސަލައެއް ނުބަލަން ވެސް މާޗް މަހުގެ ނިޔަލަށް ވަނީ ނިންމާފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ނުބަލާ ދޫކޮށްލާފައިވަނީ 34 މައްސަލައެވެ.