އަމީން އާންމުގެ އެހީތެރިއެއް ހޯދަނީ
އަމީން އާންމުގެ އެހީތެރިއެއް ހޯދަނީ

ރައްޔިތުން މަޖިލީހުގެ އަމީން އާންމުުގެ އެހީތެރިޔަކަށް އަނެއްކާވެސް ބޭފުޅަކު ހޯދަން އިއުލާން ކޮށްފި އެވެ.

އަމީން އާންމަކަށް ހުންނެވި އަހުމަދު މުހައްމަދު، ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެޒިންމާ މިހާރު އަދާ ކުރައްވަމުން ގެންދަވަނީ އަމީން އާންމުގެ ނައިބު ފާތިމަތު ނިއުޝާ އެވެ.

އަމީން އާންމުގެ އެހީތެރިން ނުވަތަ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރުވެސް ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ ހާމިދު ޒަކަރިއްޔާ އާއި މުހައްމަދު ރަޝީދެވެ.

އަމީން އާންމުގެ އެހީތެރިއަކަށް ފުރުސަތު ހުޅުވާލާފައިވާއިރު އެމަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ ބުދަ ދުވަހަށެވެ. ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

މަޖިލީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެމަގާމަށް މީހުން ހޮވުމުގައި ގާނޫނީ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ މީހުންނަށް އިސްކަންދޭނެ ކަމަށެވެ.

އެ މަގާމުގެ މަސްއޫލިއްޔަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަމީން އާންމު ހަވާލުކުރާ މަސައްކަތްތައް ކުރުމާއެކު އިދާރީ އެންމެހާ މަސައްކަތެއްގައި އަމީން އާންމަށް އެހީތެރިވުމެވެ.

އެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 28،000ރ. ދިނުމަށް ނިންމާފައިވާއިރު ލިވިން އެލަވަންސްގެ ގޮތުގައި 3،500ރ. އަދި ފޯން އެލަވަންސްގެ ގޮތުގައި 1،000ރ. ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކު 100 ރުފިޔާގެ އެލަވަންސަކާއެކު އިތުރު ގަޑީގެ ފައިސާވެސް ލިބެ އެވެ.

އޭގެ އިތުރުން މަޖިލީހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށްވެސް މީހަކު ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ. އެމަގާމުގައި ކުރިން ހުންނެވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ އެމްޑަވްލިއުއެސްސީއާ ހަވާލުވި ފަހުން އެމަގާމު އޮތީ ހުސްކޮށެވެ.

އެއީ މަޖިލީހުގެ އިދާރީ ކަންކަން ހިންގުމުގެ ޒިންމާ އަދާކުރާ މަގާމަށްވާއިރު އެކަންކަން މިހާރު ކުރަމުން އަންނަނީ އަމީން އާންމުގެ އެހީތެރިޔާގެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދެވެ.

އެ މަގާމަށް މުސާރާގެ ގޮތުގައި 25،000ރ. ދިނުމަށް ނިންމާފައިވާއިރު ލިވިން އެލަވަންސްގެ ގޮތުގައި 3،500ރ. އަދި ފޯން އެލަވަންސްގެ ގޮތުގައި 1،000ރ. ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކު 100 ރުފިޔާގެ އެލަވަންސަކާއެކު އިތުރު ގަޑީގެ ފައިސާވެސް ލިބެ އެވެ.

އެ މަގާމަށްވެސް ކުރިމަތިލުމުގެ ފަހު ތާރީހަކީ އަންނަ ބުދަ ދުވަހެވެ.

ރައްޔިތުން މަޖިލީހުގެ އިސް ދެ މަގާމަކަށް މީހުން ހޯދާއިރު ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ ގެއްލުނު ހިސާބުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ވަރަށް މަދުންނެވެ. މި އަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވީ އެންމެ 13 ޖަލްސާ އެވެ. އެއީ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ދެ ޖަލްސާއަކާއި ދައުރުގެ 11 ޖަލްސާ އެވެ.