09 މެއި 2018 - 08:23

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައަކީ މިހާރު އާ ވާހަކައަކަށް ނުވާނެ އެވެ. އެއް ބައެއްގެ ނަޒަރުގައި އެ 12 މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އަނެއް ބަޔަކަށް ގޮނޑިއެއް ނުގެއްލެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވޭތޯ ނުވަތަ ނޫންތޯ އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

ޕީޕީއެމުން ވަކިކުރި އަދި އަމިއްލައަށް ވަކިވި އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް މިދިޔަ އަހަރު އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޖުލައި 13 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެ މެމްބަރުންނަކީ އެ ހުކުމުގެ ކުރިން ޕާޓީން ވަކިވާން ހުށަހަޅާފައިވާ ނުވަތަ ވަކިކޮށްފައިވާ ކަން ޕާޓީން އަންގާފައި ތިބި މެމްބަރުން ކަމަށް ވިޔަސް، އިލެކްޝަންސް ކޮމިޝަނުން ދެކޭ ގޮތުން އެ މެމްބަރުން ޕާޓީން ވަކިވީ އެ ހުކުމުގެ ފަހުންނެވެ.
އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ އަހަރު ނިންމީ އެކަމުގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމެއް ނެތް ކަމަށެވެ. އެކަމަކު މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި އެ ކޯޓުން ކަނޑައެޅީ ޖުލައި 13 ގެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
އެގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް މިދިޔަ މާޗް މަހު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކުއްލި ގޮތަކަށް ވަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނު ބާތިލް ކުރަން އިދިކޮޅު މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ މަހު ނިންމީ އެ ގާނޫނު ސައްހަ ކަމަށެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައިފަ އެވެ. އެހެންވެ، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ޖެހޭ ކަމަށް ނިންމައި، އެކަމަށް ބޭނުންވާ ބަޖެޓް ހޯދަން އެ ކޮމިޝަނުން ވަނީ މަސައްކަތް ފަށައިފަ އެވެ. އެކަމަކު އެންޓި ޑިފެކްޝަންގެ ގާނޫނުގެ ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުން 12 މެމްބަރުންގެ މައްސަލަ ނިމުމަކަށް އައީތޯ މިއީ އުފެދޭ ސުވާލެކެވެ.
އެންޓި ޑިފެކްޝަންގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހާ ހަމައަށް އެ ގާނޫނު ހިނގާ ގޮތަށެވެ. މާނައަކީ ޖުލައި 13 ގެ ފަހުން މަޖިލީހުގެ އެއްވެސް މެމްބަރަކު މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިކޮށްފައިވާ ނަމަ ނުވަތަ ވަކިވެފައިވާ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ 12 މެމްބަރުންނަކީ ޖުލައި 13 ގެ ކުރިން ޕާޓީން ވަކިވާން ހުށަހަޅާފައިވާ ނުވަތަ ވަކިކޮށްފައިވާ ކަން ޕާޓީތަކުން އަންގާފައި ތިބި މެމްބަރުން ކަމެވެ.
އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، އެ ގާނޫނު ޖުލައި 13 އާ ހަމައަށް ހިނގާ ގޮތަށް އޮތް އޮތުން ރަނގަޅު ކަމަށް ނިންމި އެވެ. އެކަމަކު އެގޮތަށް އެ ގާނޫނުގައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަކަށް އެ ހުކުމުގައި ބުނެފައެއް ނެތެވެ. އެހެންވެ، އެންޓި ޑިފެކްޝަން ގާނޫނުގެ އުސޫލުތައް ޖުލައި 13 އާ ހަމައަށް ހިނގާ ގޮތަށް ގާނޫނުގައި އޮތަސް، 12 މެމްބަރުންގެ ގޮނޑި ގެއްލުނުތޯ ނުވަތަ ނޫންތޯ އުފެދިފައި އޮތް ސުވާލަށް އަދި ނިމުމެއް އައިސްފައެއް ނެތެވެ.
ސަބަބަކީ 12 މެމްބަރުންގެ މައްސަލާގައި ސުވާލު އުފެދިފައި އޮތް ހަމައެކަނި ކަމަކީ އެ މެމްބަރުން ޕާޓީން ވަކިވީ ނުވަތަ ވަކިކުރީ ޖުލައި 13 ގެ ފަހުންތޯ ނުވަތަ ނޫންތޯ ކަމާ މެދު ކަމަށް ވާތީ އެވެ. ޖުލައި 13 ގެ ފަހުން ޕާޓީން ވަކިވި ނުވަތަ ވަކިކުރި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމާ މެދު އެއްވެސް ބަހުސެއް ނެތެވެ.
ދެން އޮތީ މިދެންނެވި 12 މެމްބަރުންނަކީ ޖުލައި 13 ގެ ކުރިން ޕާޓީތަކުން ވަކިވެފައިވާ ނުވަތަ ވަކިކޮށްފައިވާ މެމްބަރުން ކަމާ މެދު އުފެދިފައި އޮތް ސުވާލެވެ. ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ ނެރުނު އަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅުމުން އެ ނިިންމުން ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ކުރީގެ އަމުރުގައި 12 މެމްބަރުންނާ ގުޅޭ ގޮތުން އޮތް ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް އެ ކޯޓުން ވަނީ ނެރެފަ އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ މައްސަލަ ނިންމިޔަސް، އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މިދެންނެވި މައްސަލަ މިހާރު ވެސް އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން ނިންމާލާފައި އޮތަސް، އަދި ހުކުމެއް ނުކުރެ އެވެ. އެ 12 މެމްބަރުން ޕާޓީން ވަކިވީ ނުވަތަ ވަކިކުރީ ޖުލައި 13 ގެ ކުރިންތޯ ނުވަތަ ނޫންތޯ އުފެދިފައި އޮތް ސުވާލަށް ގޮތެއް ނިމެން އޮތީ އެ މައްސަލާގެ ތެރެއިންނެވެ. އެހެންވީއިރު، އޭގެ ކުރިން އެ ދާއިރާތަކުގެ ބައި އިލެކްޝަންތައް ބޭއްވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން ބައި އިލެކްޝަންތަކަށް ބޭނުންވާ ފައިސާ ހަމަޖެހުނުހާ އަވަހަކަށް ބައި އިލެކްޝަންތައް ބާއްވައި، 12 ދާއިރާއަށް މެމްބަރުން އިންތިޚާބު ކުރާނެ އެވެ. އެކަމަކު އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މިދެންނެވި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިމެނީސް، ބައި އިލެކްޝަންތައް ބާއްވައި، އާ މެމްބަރުން އިންތިޚާބު ކޮށްފި ނަމަ އޭގެ ސަބަބުން އިތުރު މައްސަލަތަކެއް ނިކުތުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
އިދިކޮޅު ކޯލިޝަނުން ވެސް ބުނާ ގޮތުން އެންޓި ޑިފެކްޝަންގެ ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ 12 މެމްބަރުންގެ ގޮނޑީގެ މައްސަލައާ ގުޅުމެއް ނެތެވެ. އެ ބޭފުޅުން ފާހަގަކުރައްވާ ސަބަބަކީ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި އޮތްއިރު، 12 މެމްބަރުންގެ ގޮނޑީގެ މައްސަލަ އަދިވެސް އޮތީ ސުޕްރީމް ކޯޓުގައި ކަމަށް ވުމެވެ. އެ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް ބައި އިލެކްޝަން ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.
"ގާނޫނެއްގެ ސައްހަކަން ބަލަމުން ދާއިރު އޭގެ އަރިމަތިން ހިނގާ ކަމެއްގެ ގޮތަށް މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައި ނުވަތަ އާ މެމްބަރުންތަކަކަށް ގޮނޑިތަކެއް ލިބިފައި، އެގޮތަކަށް ނޫން ގާނޫނު އަސާސީ އޮތީކީއެއް. ސާފުކޮށް މައްސަލަތަކެއް ހުށަހެޅިފައި ހުރިއިރު އެ މައްސަލަތަކަށް ގޮތެއް ނިމިގެން ނޫން ގޮތަކަށް މަޖިލީހުގެ މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭނެ އަދި ޝަރުތު ހަމަވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނުނިންމޭނެ،" އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވެ އެވެ.
ބާރަ މެމްބަރުންގެ ގޮނޑީގެ މައްސަލައަކީ ހަމައެކަނި އެ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ 60،000 ރައްޔިތުންގެ ހައްގާ ގުޅިފައި އޮތް މައްސަލައަކަށް ވުރެ ބޮޑަށް، މުޅި ރައްޔިތުންގެ މަޖިލީހާ ގުޅުން އޮތް މައްސަލައެކެވެ. ސަބަބަކީ އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ކަނޑައެޅި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް މަޖިލީހުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވެ އެވެ.
އެ މައްސަލާގައި މަޖިލީހުގެ އިދިކޮޅު މެމްބަރުން ޖަލްސާތައް ބޮއިކޮޓް ކޮށްފައިވާތީ ރައްޔިތުންނާ ގުޅުން ހުރި މުހިންމު ކަންކަން ފާސްކުރަން ވަނީ ހުރަސް އެޅިފަ އެވެ. އިދިކޮޅު މެމްބަރުން ޖަލްސާތައް ބޮއިކޮޓް ކުރަން ފެށުމުން ހުރިހާ ބިލްތަކެއް ހެން މިހާރު ފާސްކުރަނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ވޯޓުންނެވެ. އެކަމަކު ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންކަން ކަމަށްވާ ޓެކްސާ ގުޅޭ ބިލްތައް ފަދަ ބިލްތައް ފާސްކުރަން އޮތީ ހުރަސް އެޅިފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، މަޖިލީހުގެ މަސައްކަތްތައް ރަނގަޅަށް ހިނގައިގަނެވެން އޮތީ 12 މެމްބަރުންގެ މައްސަލާގައި ގޮތެއް ނިމިގެންނެވެ.
މިހާރު މަޖިލީހުގައި ތިބި މެމްބަރުންގެ ދައުރު ހަމަވާން ދެން އޮތީ ކުޑަ ދުވަސްކޮޅެކެވެ. މިހާރު އޮތް މަޖިލީހުގެ ދައުރު ހަމަވެ، އަންނަ އަހަރު ކުރީކޮޅު އާ މަޖިލީހެއް އިންތިޚާބު ކުރާނެ އެވެ. އެހެންވެ އޭގެ ކުރިިން 12 މެމްބަރުންގެ މައްސަލާގައި ގޮތެއް ނިމި، މަޖިލީހުގެ މަސައްކަތްތައް ހިނގައިގަންނަން ވެސް އެބަ ޖެހެ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ގޮތެއް ނުނިމެނީސް، ބައި އިލެކްޝަން ބާއްވައިފި ނަމަ އެކަން ވެގެންދާނީ މަޖިލީހަށް މިހާރު ދިމާވެފައިވާ ހާލަތު އިތުރަށް ދިގު ދެމިގެން ހިނގައިދާނެ ފަދަ ކަމަކަށެވެ.