08 މެއި 2018 - 06:27

އިނގިރޭސިވިލާތުގެ ލެއިސްޓްޝަޔާގައި ދިރިއުޅެމުން އަންނަ އެންޑީ ޕެރީ، 46، އަކީ ދަރިންނާ އެކު ކުރިން ކުޅެ، މަޖާކޮށް، ސަކަރާތް ޖަހައި އުޅުނު ސަކަ މިޒާޖެއްގެ ބައްޕައެކެވެ. އެކަމަކު ލޭންޑްސްކޭޕާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އެންޑީގެ ހަޔާތް މިހާރު ބަދަލުވެއްޖެ އެވެ. ސަބަބަކަށް ވީ ފައިދިނު މަކުނެކެވެ.

މީގެ ތިން އަހަރު ކުރިން ދިމާވި ހާދިސާއެއްގައި ފައި އައިބުވެ އެ ވޭނުގައި ވަރަށް ގިނަ ދުވަހު އުޅެފައި އެންޑީ މިހާރު އިނީ ނުކުޅެދޭ މީހެއްގެ ގޮތުގަ އެވެ. އޭނާގެ ކުރީގެ އުފާވެރި ދިރިއުޅުން މިހާރު ގެއްލިއްޖެ އެވެ. ދަރިން ކަމަށްވާ ތޯމަސް، 8، އާއި ޖޯޖް، 5، އާ އެކު ސަކަރާތް ޖަހަން މިހާރު ފުރުސަތެއް ނެތެވެ.

ކަނާތު ފައި މިދިޔަ މާޗް މަހު ބުރިކޮށްލަން ޖެހުނީ ވިހަ ގަދަ ފައިދިގު މަކުނުގެ ބާވަތެއް ކަމަށްވާ ވިޑޯ ސްޕައިޑާ ދިން ހަމަލާއަކުން ކުރިމަތިވި ސިއްހީ މައްސަލަތަކަކާ ގުޅިގެންނެވެ. އަދި އޭނާގެ ކިޑްނީ ވެސް ވަނީ ފެއިލްވެފަ އެވެ. އެންޑީ މިހާރު ބުނަނީ "ދުނިޔޭގައި ހުއްޓަސް މަރުވެފައިވާ މީހެއް" ކަމަށެވެ.

ގޭގެ ބަގީޗާ ހައްދާ ސަރަހައްދުގައި ފެންސެއް ޖަހަން އުޅެނިކޮށް ކަކުލުގައި މަކުނު ދަތް އަޅައި، ވިހަ ދޫކޮށްލި ނަމަވެސް އެކަން އެންޑީއަކަށް ނޭނގެ އެވެ. އެކަން އޭނާ އަށް ރޭކައިލީ އޭގެ 48 ގަޑިއިރު ފަހުންނެވެ. އޭރު މާ ލަސްވެއްޖެ އެވެ.
މުޅި ގައިގައި ރިއްސައި ހެލިފެލިވާން ދަތިވާ ހިސާބަށް ދިއުމުން، އެންޑީ ލެސެސްޓާ ރޯޔަލް ސިންފާމަރީގައި އެޑްމިޓް ކުރި އެވެ. އެތަނުގައި އެޑްމިޓްކޮށްފައި އޮންނަތާ ހަފުތާއެއްހާ ދުވަސް ފަހުން ފަހުން ފައި އެއްކޮށް ދުޅަވި އެވެ. ފައިލޭރިއާ ޖެހި، އެންޑީގެ ކަނާތު ފައިގެ ކަކުލުން ތިރި އެއްކޮށް ދުޅަވެ، ހަން ނެއްޓެން ފެށި އެވެ.
ޑޮކްޓަރުން ބުނީ ފައި ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. ނަމަވެސް އުންމީދު ގެއްލުވާ ނުލައި، އެތައް ޑޮކްޓަރަކަށް ދެއްކި އެވެ. އެކަމަކު އެންމެ ފަހުން އެ ނޫން ގޮތެއް ނެތިގެން ޖެހުނީ ފައި ބުރިކޮށްލާށެވެ. މިހާރު އެންޑީ އަށް އުޅެން ޖެހިފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އޭނާގެ ހަރަކާތްތެރި ދިރިއުޅުން ހުއްޓުމަކަށް އައީ އެވެ.
"އެއްގޮތަކަށް ވެސް ނޭނގޭ މަކުނު ހެފި ކަމެއް. އެކަން ކުރިން އެނގުނު ނަމަ ކުރީ ބައިގައި ފަރުވާ ދީގެން ރަނގަޅު ކުރެވި އަހަންނަށް މި ހާލަތު ކުރިމަތި ނުވީސްހެން ހީވަނީ،" ފުލުހަކާ ކައިވެނިކޮށްގެން އުޅޭ އެންޑީ ދަ ސަން އަށް ބުނެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި އެންމެ ދެރަ ވަނީ ދަރިންނާ އެކު ކުރިން އުޅުނު ގޮތަށް ނޫޅެވޭތީ އެވެ. އަނެއްކޮޅުން، ޖެހިފައިވާ ހާލަށް ކޮންމެ ދުވަހަކު ފަރުވާ ދޭން ޖެހެ އެވެ. އެކަމަކު އެތައް ބަޔަކު މިހާރު އަންނަނީ އެންޑީ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
"ފައި ބުރިކޮށްލަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ ކުރިންކޮށް އުޅުނު މަސައްކަތް ގޮނޑީގައި ވެސް އިނދެގެން އަހަންނަށް ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭތީ،" އެންޑީ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތުގައި މިހާރު ވަރަށް ގިނަ އަދަދަކަށް ވިޑޯ ސްޕައިޑާ އުޅެ އެވެ. އަދި އެއްޗެހި އިތުރުވެގެން އުޅެނީ މޫސުމަށް އައިސްގެން އުޅޭ ބަދަލުތަކަކާ ހެދި ކަމަށްވެ އެވެ.
އެންޑީއަކީ ވިޑޯ ސްޕައިޑާއެއްގެ ސަބަބުން އިނގިރޭސިވިލާތުގައި ނުކުޅެދޭ މީހަކަށްވި ފުރަތަމަ މީހާ އެވެ.
"އަހަރެންގެ އަމިއްލަ ތަޖުރިބާގެ އަލީގައި ބުނަން އޮތް ވާހަކައަކީ ވިޑޯ ސްޕައިޑާ އަށް ސަމާލުވާށޭ. މިއީ ހީކުރާ ވަރަށް ނުރައްކާތެރި އެއްޗެއް،" އެންޑީ ބުންޏެވެ.