07 މެއި 2018 - 13:55

ޑާކާ (މެއި 7) - ރޮހިންޖާ މުސްލިމުންނަށް މިދިޔަ އަހަރު އަނިޔާތައް ދިން އިރު އެ މައްސަލަ އަށް ވަގުތުން ސަމާލުކަން ނުދެވުނީތީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މައާފަށް އެދިއްޖެ އެވެ.
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް ބިން އަލް އުސައިމިން ވަނީ މެންބަރު ގައުމުތަކުން ރޮހިންޖާގެ ދިފާއުގައި ނުކުތުމަށް އެދިވަޑައިގެންފަ އެވެ.
"ރޮހިންޖާ މުސްލިމުންގެ ހައްގުގައި ސރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އޯއައިސީން ހަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ދެން،" ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ފެށި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އަލް އުސައިމީން ވިދާޅުވި އެވެ.
ބައްދަލުވުމުގެ ކުރިން ވަނީ 57 ގައުމު ހިމެނޭ އޯއައިސީގެ ވަފުދަކުން ރޮހިންޖާ ކޭމްޕްތަކަށް ޒިޔާރަތްކޮށްފަ އެވެ.
އޯއައިސީގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އެފެއާޒް ހިޝާމް ޔޫސުފް ވެސް ވަނީ މުސްލިމް ދުނިޔޭގެ އަޑު އިއްވަން ޖެހޭ އޯއައިސީން ރޮހިންޖާ މައްސަލަ އަށް އެކަށީގެންވާ ސަމާލުކަން ނުދެވޭ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
އޯއައިސީން ބުނީ ރޮހިންޖާ މުސްލިމުންނަށް އަނިޔާކުރި މީހުންގެ މައްސަލަތައް ބަލަން ކޮމިޓީއެއް އުފައްދާނެ ކަމަށެވެ. އަދި އެ ކޮމިޓީން ހެކިތައް ހޯދުމަށް ފަހު ޒިންމާވާ މީހުންގެ މައްޗަށް ޝަރީއަތް ހިންގާނެ ކަމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭއެޗް މަހްމޫދު އަލީ ވިދާޅުވި އެވެ.
އޯއައިސީގެ ވަފުދާ ބައްދަލު ކުރައްވާ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ ރޮހިންޖާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމުގައި އެހީތެރިވުމަށް އެދިވަޑައިގެންފަ އެވެ.
"ރޮހިންޖާ މީހުންނަށް ވެސް ދިރިއުޅުމުގެ ހައްގު އޮންނަން ވާނެ،" ހަސީން ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ފަހުކޮޅު ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ހިންގަން ފެށި އަނިޔާވެރި އަމަލުތަކާ ގުޅިގެން ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު ހަ ލައްކަ އަށް ވުރެ އިތުރެވެ.