09 މެއި 2018 - 07:31

ރަންބީރު ކަޕޫރްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން އަންނަ އަހަރު ރިލީޒް ކުރާ "ބްރައްމަސްތުރާ" އަކީ ވެސް ތަފާތު ފިލްމަކަށް ވާނެ އެވެ. އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ މި ފިލްމަކީ ފެންޓަސީ/އެޑްވެންޗާ ފިލްމެކެވެ.
އެކަމަކު ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އަލަށް އިއުލާން ކުރި ރަންބީރްގެ އެކްޝަން/އެޑްވެންޗާ ފިލްމް "ޝަމްޝޭރާ" އަކީ އޭނާ އަދި މުޅިން ތަފާތު ގޮތަކަށް އޭނާ ފެނިގެން ދާނެ ފިލްމެކެވެ. "އަގްނީޕަތު" ގެ ރިމެކިން ގެނެސްދިން ކަރަން މަލްއުތުރާ ޑައިރެކްޓް ކުރާ "ޝަމްޝޭރާ" ގެ ފަސްޓްލުކް ވެސް ދައްކައިލި އިރު، ރަންބީރު ފެންނަނީ މާ ބޮޑަށް ވެސް ތަފާތުކޮށެވެ. އޭނާ ހުރީ ސިފަ ވަކި ނުވާ ކަހަލަ ގޮތަކަށެވެ.
މި ފިލްމާ ބެހޭ ގޮތުން ރަންބީރު ބުނީ މިއީ ކުޅެލަން ވަރަށް ބޭނުންވާ ޒާތުގެ ފިލްމެއް ކަމަށެވެ. ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ވެސް ހިމެނޭ "ޝަމްޝޭރާ" އަކީ ކޮމާޝަލް ހުރިހާ ރަހައެއް ހެޔޮވަރު ވާނެ ފިލްމެއް ކަމަށް ވެސް ރަންބީރު ބުންޏެވެ.
"މި ފިލްމާ އެކު ކަރަން އަހަންނަށް މި ދެނީ ވަރަށް ވަރުގަދަ ޗެލެންޖެއް. މިއީ އަދި މިހާތަނަށް އަހަރެން ނުފެންނަ ކަހަލަ ރޯލަކުން ފެނިގެން ދާނެ އަދި އެކްޓަރެއްގެ ހައިސިއްޔަތުން ވަރަށް ކުޅެލަން ބޭނުންވާ ކަހަލަ ރޯލެއް ލިބުނު ފިލްމެއް މިއީ." އަންނަ މަހުގެ 29 ގައި ރިލީޒް ކުރާ "ސަންޖޫ" ގެ ބަތަލު ބުންޏެވެ.
"ޝަމްޝޭރާ" ގެ ޓައިޓްލް ރޯލުން ރަންބީރު ފެނިގެންދާ އިރު، މި ފިލްމްގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށައި، އަންނަ އަހަރުގެ މެދުތެރޭގައި ޝޫޓިން އެއްކޮށް ނިންމައިލާނެ ކަމަށް ވައިއާރްއެފުން ބުންޏެވެ.
ފިލްމް ރިލީޒް ކުރާ ތާރީހު ވެސް އަދި އިއުލާނެއް ނުކުރެ އެވެ.
ރަންބީރު އެންމެ ފަހުން ވައިއާރްއެފްގެ ފިލްމެއް ކުޅުނީ މީގެ 9 އަހަރު ކުރިންނެވެ. އެއީ 2009 ގައި ރިލީޒް ކުރި "ރޮކެޓް ސިންގް" އެވެ.
"ޝަމްޝޭރާ" އަކީ 2015 ގައި ރިލީޒް ކުރި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ "ބްރަދާޒް" އަށް ފަހު، ކަރަން ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. އަދި މިއީ އޭނާ ވައިއާރްއެފަށް އޭނާ ހަދާ ފުރަތަމަ ފިލްމް ވެސް މެ އެވެ.
އެ ސްޓޫޑިއޯ އަށް ތިން ފިލްމް ޑައިރެކްޓްކޮށް ދޭން ކަރަން ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ.