"ފަގީރު" ކަމަށް ބުނުމުން ރަންވީރަށް މަލާމާތް ކުރަނީ
"ފަގީރު" ކަމަށް ބުނުމުން ރަންވީރަށް މަލާމާތް ކުރަނީ

ބޮޑުވަމުން އައި ދުވަސްވަރު އޭނާގެ އާއިލާ ފަގީރުކަމުން ބައެއް ކަހަލަ އުފާތަކުން މަހުރޫމުވެފައިވާ ކަމަށް، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރް ސިންގް ބުނުމުން އޭނާ އަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މަލާމާތް ކުރަން ފަށައިފި އެވެ.

މަޝްހޫރު މެގަޒިން ކޮންޑެ ނާސްޓް ޓްރެވެލާ އަށް ދިން އިންޓަވިއުއެއްގައި 32 އަހަރުގެ އެކްޓަރު ބުނި ގޮތުގައި މާލީ ގޮތުން ފުދުންތެރިކަން ކުޑަވުމުން ޗުއްޓީތަކަށް ބޭރު ގައުމުތަކަށް ދާން މާ ގިނަ ފުރުސަތުތަކެއް ވެސް ނުލިބެ އެވެ.

އެކަމަކު އާއިލާގެ ވަރަށް ގިނަ ބަޔަކު އެމެރިކާގައި ދިރިއުޅޭތީ އެ ގައުމަށް ދާން ފުރުސަތު ލިބުނު ކަމަށް ރަންވީރު ބުންޏެވެ. އޭނާ ބުނި ގޮތުގައި ކުޑައިރުގެ ދިރިއުޅުން އެހާ އުފާވެރި ނޫނަސް، މިހާރު ދިރިއުޅެނީ ވަރަށް ފުދިގެން ހަމަޖެހިގެންނެވެ. އަދި މިއީ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ބުންޏެވެ.

ކުރީގެ ހަނދާންތައް އާ ކުރަމުން އޭނާ ބުނީ ބޮޑުވަމުން އައި ދުވަސްވަރު އާންމުކޮށް ޗުއްޓީ ހަދާލަން ދެވެނީ އިންޑިއާގެ ގޯއާ ކަހަލަ ތަންތަނަށް ކަމަށެވެ.

"ގޯއާ އަށް ދެވޭ ސަބަބަކީ އެތަނުގައި ވެސް އާއިލާގެ މީހުން އުޅޭތީ،" ރަންވީރު ބުންޏެވެ. "ދެން ދޭތެރެއަކުން އިޓަލީ، އިންޑޮނީޝިއާ އަދި ސިންގަޕޫރް ކަހަލަ ގައުމުތަކަށް ވެސް ދެވޭ އާއިލާ އިން އެއްކޮށްލާ ލާރިކޮޅަކުން."

"ނިކަމެތި" ކަމަށް ރަންބީރު ބުންޏަސް އޭނާއަކީ އެމެރިކާގެ އިންޑިއާނާ ޔުނިވަސިޓީ ބްލޫމިންޓަން އިން ބެޗްލާ އޮފް އާޓްސް ޑިގްރީއެއް ހާސިލު ކުރަން ފުރުސަތު ލިބުނު މީހެކެވެ. އެހެންވެ ނިކަމެތި ކަމަށް ރަންވީރު ބުނުމަކީ ޖޯކެއް ކަމަށާއި އެމެރިކާ ފަދަ ގައުމެއްގެ ޔުނިވަސިޓީއަކުން ކިޔަވަން "ފަގީރުންނަށް" ހަރަދު ކުރެވޭތޯ ބައެއް މީހުން ބުނެފައިވެ އެވެ.

އަދި 90ގެ އަހަރުތަކުގައި އާއިލާގެ މީހުން ކައިރި އަށް އެމެރިކާ އަށް އަހަރަކު އެއް ފަހަރު ޗުއްޓީ އަށް ދާން ފުރުސަތު ލިބުނީ ނިކަމެތިކަމުންތޯ ބައެއް މީހުން އަހާފައިވެ އެވެ. އެއް ބަޔަކު ބުނެފައި ވަނީ ރަންވީރަކީ ފަގީރެއް ނަމަ، މުޅި އިންޑިއާ އަދި އެއަށް ވުރެ ނިކަމެތި ކަމަށެވެ.

ބޮލީވުޑަށް ނުކުންނަން ރަންވީރަށް ފުރުސަތު ލިބުނީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކުންނެވެ. އެއީ 2010 ގައި ރިލީޒް ކުރި "ބޭންޑް ބާޖާ ބާރާތު" އިންނެވެ. އަދި އޭނާއަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް އަދި އެންމެ ކާމިޔާވު ޒުވާން އެއް އެކްޓަރެވެ.

ފިލްމްތަކުން ބޮޑު އާމްދަނީއެއް ލިބުމުގެ އިތުރަށް ރަންވީރަކީ ތަފާތު އުފެއްދުންތައް އެންޑޯޒްކޮށް ދީގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރު ވެސް މެ އެވެ. އަދި މިހާރު އޭނާއަކީ ސްވިޓްޒަލެންޑްގެ ޓޫރިޒަމް އިޝްތިހާރު ކުރަން ކަނޑައަޅާފައި ހުރި އެމްސެޑަރެއް ވެސް މެ އެވެ.