އިންޑިއާގެ އިންޖިނޭރުންތަކެއް އަފްޣާނިސްތާނުގައި ކިޑްނެޕްކޮށްފި
އިންޑިއާގެ އިންޖިނޭރުންތަކެއް އަފްޣާނިސްތާނުގައި ކިޑްނެޕްކޮށްފި

ކާބުލް (މެއި 6) - އިންޑިއާގެ ހަތް އިންޖިނޭރަކު އަފްޣާނިސްތާނުގައި ކިޑްނެޕްކޮށްފި އެވެ.

ހަތިޔާރު އަޅައިގެން ތިބި ބަޔަކު އެ ހަތް މީހުންނާއި އެ މީހުންގެ އަފްޣާން ޑްރައިވަރު ހައްޔަރުކޮށްފައި ވަނީ ބަގުލާން ޕްރޮވިންސްގެ ވެރިރަށް ޕުލް-އެ ކޮމިރީންނެވެ. ކިޑްނެޕް ކުރުމުގެ ފަހަތުގައި ވަނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ނަމަވެސް ޕްރޮވިންސްގެ ގަވަރްނަރު އަބްދުލް ހައި ނެމާތީ ވިދާޅުވީ އެއީ ތާލިބާނުން ކުރި ކަމެއް ކަމަށެވެ.

ޕްރޮވިންސްގެ ކައުންސިލް ޗެއާމަން މުހައްމަދު ސަފްދާރު މުހްސިނީ ވިދާޅުވީ ތާލިބާނުންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުގައި ހަރަކާތްތެރިވާ އިރު ފުލުހުންގެ ބެލުމުގެ ދަށުން އުޅެން އިންޑިއާގެ އިންޖިނޭރުންނަށް އެންގި ކަމަށެވެ. ނަމަވެސް އެ މީހުން އެކަމަށް ސަމާލުކަން ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ކާބުލްގައި ތިބި އިންޑިއާގެ އޮފިޝަލުން ބުނީ އިންޖިނޭރުން މަސައްކަތް ކުރީ ބަގްލާންގައި ކަރަންޓުގެ ޚިދުމަތް ދޭ ޝެރްކާތު ކުންފުންޏަށް ކަމަށެވެ.

އަފްޣާނިސްތާނުގެ ހުޅަނގުގެ ޕްރޮވިންސްގައި އިންޖިނޭރިން ޕްރޮޖެކްޓެއްގައި މަސައްކަތް ކުރި އީރާނުގެ 12 އިންޖިނޭރުން 2011 ވަނަ އަހަރު ވަނީ ވަގަށް ނަގައިފަ އެވެ. އެ މީހުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ. ކާބުލްގައި މަސައްކަތް ކުރި ސްވިޑަންގެ އެހީދޭ ގްރޫޕެއްގައި އުޅުނު ފިންލެންޑުގެ އަންހެނަކު ވެސް މިދިޔަ އަހަރު ވަނީ ވަގަށް ނަގައިފަ އެވެ. ނަމަވެސް އެ މީހާ ވެސް ވަނީ ފަހުން ދޫކޮށްލައިފަ އެވެ.