އަަޝްވިނީ އައްޔަރުގެ ފިލްމެއް އާލިއާ ބަޓަށް ހުށަހަޅައިފި
އަަޝްވިނީ އައްޔަރުގެ ފިލްމެއް އާލިއާ ބަޓަށް ހުށަހަޅައިފި

ކުޑަ ބަޖެޓަކުން އުފައްދައިގެން މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ހިނގި ހިންދީ ފިލްމް ކަމަށްވާ "ބެރިލީ ކީ ބަރްފީ" ގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީގެ ފިލްމެއް، އާލިއާ ބަޓް އަށް ހުށަހަޅައިފިި އެވެ.

އަަޝްވިނީ އައްޔަރުގެ ފިލްމެއް އާލިއާ ބަޓަށް ހުށަހަޅައިފި
އަަޝްވިނީ އައްޔަރުގެ ފިލްމެއް އާލިއާ ބަޓަށް ހުށަހަޅައިފި

އަޝްވިނީއަކީ އާމިރު ހާންގެ "ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުންނެވެ. ރާޖްކުމާރް ރާއޯ އާއި ކިރިތީ ސެނަން އަަދި އަޔޫޝްމަން ކުރާނާ ލީޑް ރޯލް ކުޅުނު "ބެރިލީ ކާ ބަރްފީ" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ރޮމޭންޓިކް ކޮމެޑީއެކެވެ.

އެ ފިލްމްގެ ކާމިޔާބީ އަށް ފަހު، އަޝްވިނީ އަލަށް މަސައްކަތް ފަށާ ފިލްމްގެ ބަތަލާގެ ރޯލް އާލިއާ އަށް ހުށަހެޅިކަން ކަށަވަރުކޮށް ދެމުން ޒުވާން ބަތަލާ ބުނީ ފިލްމަށް އަދި ސޮއި ނުކުރާ ކަމަށެވެ.

"މަޝްވަރާތަކުގެ ތެރޭގައި މި އުޅެނީ. އަޝްވިނީ އަހަންނަށް ނެރޭޓްކޮށް ދިން އައިޑިއާ ވަރަށް ސަޅި އަދި އެހާ ޝައުގުވެރި،" އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ "ރާޒީ" ގެ ބަތަލާ ބުންޏެވެ.

އޭނާ ބުނީ އަޝްވިނީއާ އެކު މަސައްކަތްކޮށްލަން ވެސް ވަރަށް ބޭނުންވާ ކަމަށެވެ. އެހެންވެ ފުރުސަތު ފަހިވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

ނަމަވެސް އާލިއާ މި ވަގުތު ވަރަށް ބިޒީ އެވެ. އޭނާ އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އަބިޝެކް ވަރްމަންގެ ޕީީރިއަޑް ޑްރާމާ "ކަލަންކް" އާއި އަޔާން މުކާރްޖީގެ ފެންޓަސީ/އެޑްވެންޗަ ފިލްމް "ބްރައްމަސްތުރާ" އެވެ. މި ދެ ފިލްމަކީ ވެސް އަންނަ އަހަރު ރިލީޒް ކުރަން ތާވަލުކޮށްފައި ދެ ފިލްމެވެ.

މިހާރު ވެސް ޔަގީންވެފައިވާ ގޮތުގައި އާލިއާގެ ތިން ފިލްމެއް މަދުވެގެން އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އެއީ ފެބްރުއަރީ، 14، 2019 ގައި ރިލީޒް ކުރާ "ގަލީ ބޯއި" އާއި އެޕްރީލް 19 ގައި ރިލީޒް ކުރާ "ކަލަންކް" ގެ އިތުރުން އޮގަސްޓް، 15 ގައި ރިލީޒް ކުރާ "ބްރައްމަސްތުރާ" އެވެ.

އަޝްވިނީއަކީ 2016 ގައި ރިލީޒް ކުރި "ނިލް ބައްޓޭ ސައްނާޓާ" ގެ ވެސް ޑައިރެކްޓަރެވެ. އޭނާއަކީ މިހާރު އިންޑިއާގައި ތިބި އަންހެން ޑައިރެކްޓަރުންގެ ތެރެއިން އެންމެ އުންމީދީ އެކެކެވެ.