06 މެއި 2018 - 22:44

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނީ ޑީސަލް އަދި ޕެޓްރޯލް ލިޓަރަކުން 31 ލާރި މާދަމާ އިން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.
މާދަމާ އިން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.42ރ. އަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. ޑީސަލް ލިޓަރެއް ވިއްކާނީ 10.72ރ. އަށެވެ.
އެސްޓީއޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ތެލުގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި އޭގެ އަގު އުފުލެމުން ދާތީ ކަމަށެވެ.
މިއީ މި އަހަރުގެ ތެރޭގައި އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައި ތިން ވަނަ ފަހަރެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ބަދަލެއްގެ ގޮތުން ޖެނުއަރީގައި ޑީސަލް ލިޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 54 ލާރި ބޮޑުކުރި އެވެ. ނަމަވެސް ފަހުން، މާޗް މަހުގެ ތެރޭގައި ވަނީ ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފަ އެވެ.