07 މެއި 2018 - 06:19

ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް، ކަޅު ކުލައިގެ ޑޮޓެއް އިންނަ ޓެކްސްޓް މެސެޖެއް ލިބި، އެ ޑޮޓަށް ފިތާލަން ޗެލެންޖުކުރާ "ޕްރޭންކް" އެއް މި ދުވަސްވަރު އެބަ އުޅެ އެވެ.
މެސެޖުގައި ބުނަނީ އެ މެސެޖުގެ ތިރިން ފެންނަ ކަޅުކުލައިގެ ޑޮޓަށް ފިއްތާލައިފި ނަމަ ވަޓްސްއެޕް ނިވޭނެ ކަމަށެވެ. އަދި އެހެން އެކަންވެ އެވެ.
ނަމަވެސް މިއީ ފޯނަށް އަދި އެޕްލިކޭޝަނަށް އެއްވެސް ގެއްލުމެއް ނެތް މެސެޖެއް ކަމަށްވެ އެވެ.
އިންޑިއާ ޓައިމްސްގައި ބުނެފައިވާ ގޮތުގައި މެސެޖުގައި އިންނަ ޑޮޓަށް ފިތާލުމުން ވަޓްސްއެޕް ނިވުނަސް އެކަން އެ ވަނީ ޑޮޓުގެ ސަބަބުންނެއް ނޫނެވެ. އެއީ ޑޮޓާ ޖެހިގެން އިންނަ ހުސް ތަނުގެ ސަބަބުންވާ ކަމެކެވެ. އެ ހުސް ބަޔަކީ އެޗްޓީއެމްއެލް ކޯޑެއް ނުވަތަ ކޮންޓްރޯލް ކެރެކްޓާތަކެއް ކަމަށް އިންޑިއާ ޓައިމްސްގައި ބުނެފައިވެ އެވެ. އެކަމަކު އެ ބައި އިންނަނީ ނުފެންނަ ގޮތް ހަދައިފަ އެވެ.
މިހާތަނަށް ބެލެވިފައިވާ ގޮތުގައި މިގޮތަށް ދިމާވަނީ އެންޑްރޮއިޑް ފޯނުތަކުގަ އެވެ.
ވަޓްސްއެޕްގައި ފާޑުފާޑުގެ މި ކަހަލަ ކަންކަން މިހާރު އެބަ ކުރެ އެވެ. އެކަމަކު މިއީ އެހެން ކަންކަމާ އަޅާބަލާއިރު އެއްވެސް ނުރައްކަލެއް ދިމާވާ ކަމެއް ނޫނެވެ.