ކަންފަތަށް ވަން ކުރަފި ނެރެން ނުވަ ދުވަސް
ކަންފަތަށް ވަން ކުރަފި ނެރެން ނުވަ ދުވަސް

އެމެރިކާ އަންހެނެއްގެ ކަންފަތަށް ވަން ކުރަތްޕެއް ނުވަ ދުވަސް ވަންދެން ކަންފަތް ތެރޭ އޮވެއްޖެ އެވެ.

ކެޓީ ހޮލީ، ނޫސްތަކަށް ކިޔައިދީފައިވާ ގޮތުގައި އޭނާ އަށް ހޭލެވުނީ ކަންފަތަށް އެއްޗެއް ވެއްޓުނުހެން ހީވެގެންނެވެ. އެހެންވެ ފާހާނާއަށް ވަދެ ކަފަބުރަކުން އެ ނަގަން މަސައްކަތްކުރި ކަމަށާއި އެކަމަކު ކަންފަތް ތެރޭ އެއްޗެއް ދުވެ، އެތެރަށް ވަންނަން އުޅޭކަން އެ ހިސާބުން އެނގުނު ކަމަށް ކެޓީ ބުނެފައިވެ އެވެ.

ކެޓީ ބުނި ގޮތުގައި ކަންފަތަށް ކޮއްޕި ކަފަބުރު ނެގި އިރު، މުށި ކުލައިގެ ސޫތްޕެއްގެ ފައިތަކެއް ކަހަލަ އެތިކޮޅުތަކެއް ކަފަބުރުގައި ހަރުލާފައި ހުއްޓެވެ.

ސެލްފް މެގަޒިން އަށް ކެޓީ ބުނި ގޮތުގައި އޭނާ އާއި ފިރިމީހާ މިދިޔަ އަހަރު އަލަށް އުޅެން ފެށި ގެޔަކީ ކުރަފި ގިނަ ގެއެކެވެ. އޭނާ ބުނި ގޮތުގައި ކަންފަތަށް ކުރަފި ވަނީ، ގޭތެރޭގައި ކުރަފި ގިނަވެގެން ބޭސް ޖެހިތާ ދުވަސްކޮޅެއް ފަހުންނެވެ.

ކެޓީގެ ފިރިމީހާ ބުނެފައިވާ ގޮތުގައި ފާހާނާގައި ހުރެގެން ކެޓީ ހަޅޭއްލަވަން ފެށުމުން، ކަންފަތަށް އަލިކޮށްގެން ބެލި އިރު ކުރަފީގެ ބައެއް ފެންނަން އޮތެވެ. އެހެންވެ ޓްވީޒަރަކުން އޭގައި ހިފައި ދަމައިގަންނަން ކުރި މަސައްކަތުން، ކުރަފި އޭގެ ފައިތައް ދޫކޮށްލާފައި ކަންފަތުގެ ތޫރި ތެރެއަށް ދެމިގަތީ އެވެ. އެހެންވެ ހޮސްޕިޓަަލަށް ގޮސް ދެ ގަޑިއެއްހާއިރު ކުރި މަސައްކަތުން ކުރަފި ނެގުނެވެ.

ކަންފަތަށް އަޅާނެ ބޭހެއް ދީފައި ގެޔަށް ފޮނުވާލި ފަހުން ވެސް، އާ ފުރޭއިރު ކަންފަތަށް އުނދަގޫވާތީ ކެޓީ އަނެއްކާވެސް ހޮސްޕިޓަލަށް ދިޔަ އެވެ. އަދި ފެން ޖަހައިގެން ހަތަރު ފަހަރަށް ސާފުކުރި އެވެ. އެކަމަކު އެވަރުން ވެސް ލުޔެއް ނުލިބިގެން ކަންފަތުގެ އެތެރެ ބެލި އިރު ފެނުނީ ވަރަށް ފުނުގައި ކުރަފީގެ ބޯ ބުރި އޮއްވަ އެވެ. ބައެއް ފައިތަކާއި ނަރުވާތައް ވެސް ހުރި ކަމަށް ކެޓީ ބުންޏެވެ.

ކެޓީ ބުނި ގޮތުގައި ނުވަ ދުވަސް ވަންދެން އޭނާ އުޅެފައި ވަނީ މަރުވެފައި އޮތް ކުރައްޕެއްގެ ބޯބުރި ކަންފަތުގެ އެތެރޭގައި ބާއްވައިގެންނެވެ.