06 މެއި 2018 - 15:57

ތެހެރާން (މެއި 6) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން ރައީސް ޑޮނަލްޑް ޓްރަމްޕް އުވާލައްވައިފި ނަމަ އެމެރިކާ އިން މީގެ ކުރިން ދުވަހަކު ވެސް ހިތާމަ ނުކުރާ ވަރަށް ހިތާމަ ކުރަން ޖެހޭނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ މެދު މި މަހު 12 ވަނަ ދުވަހު ޓްރަމްޕް ގޮތެއް ނިންމަވާނެ އެވެ.
"ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ ނަމަ ވަރަށް އަވަހަށް ފެންނާނެ ދުވަހަކު ވެސް އެމެރިކާ ހިތާމަ ނުކުރާ ވަރަށް ހިތާމަ ކުރާ މަންޒަރު،" ގައުމީ ޓީވީން ދެއްކި ތަގުރީރެއްގައި ރޫހާނީ ވިދާޅުވި އެވެ. "ޓްރަމްޕަށް އެނގިވަޑައިގަންނަވަން ޖެހޭނެ ޒަޔަނިސްޓް (އިޒްރޭލް) ސަރުކާރާ ދެކޮޅަށް އީރާނުގެ ރައްޔިތުން ވަނީ އެކަތިގަނޑަކަށްވެފައި ކަން."
އީރާން ނިއުކްލިއާ އެއްބަސްވުމުގައި 2015 ވަނަ އަހަރު އެމެރިކާގެ އިތުރުން ދެން ސޮއިކޮށްފައި ވަނީ އިނގިރޭސި ވިލާތް، ޗައިނާ، ފްރާންސް، ޖަރުމަން އަދި ރަޝިޔާ އެވެ.
ނިއުކްލިއާ އެއްބަސްވުން އުވާލައިފި ނަމަ އީރާނުން ކަންތައް ކުރާނެ ގޮތެއް ރޫހާނީ ވިދާޅެއް ނުވެ އެވެ. އެކަމަކުު ވިދާޅުވީ ކަންކުރަންވީ ގޮތް އީރާނުގެ އެޓޮމިކް އެނާޖީ އޮގަނައިޒޭޝަނަށް އަންގަވާފައިވާ ކަމަށެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު އަލީ އަކްބަރު ވަލަޔާތީ ބުރާސްފަތި ދުވަހު ވިދާޅުވީ އެމެރިކާ އިން ނިއުކްލިއާ އެއްބަސްވުމުން ވަކިވެއްޖެ ނަމަ އީރާނުން ވެސ އެ އެއްބަސްވުމުން ވަކިވާނެ ކަމަށެވެ.