06 މެއި 2018 - 15:30

ކުއާލަ ލަމްޕޫރު (މެއި 6) - ވަގަށް މީހުން އުފުލާ ބޯޓެއް މެލޭޝިއާ ފުލުހުން ހުއްޓުވައިފި އެވެ.
ހުއްޓުވި ބޯޓުގައި ތިބީ ސްރީ ލަންކާގެ 127 މީހުންނެވެ. އެ މީހުން ގެންދަނީ ނިއު ޒީލެންޑް ނުވަތަ އޮސްޓްރޭލިއާ އަށް ކަމަށްވެ އެވެ. ބޯޓު ހުއްޓުވާފައި ވަނީ މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ދެކުނުގެ ޖޯހަރް ސްޓޭޓުގެ ބޭރުންނެވެ.
ފުލުހުންގެ ވެރިޔާ މުހައްމަދު ފުޒީ ހާރޫން ވިދާޅުވީ "އެޓްރާ" ނަމަކަށް ކިޔާ ބޯޓުގައި ތިބީ 100 ފިރިހެނުންނާއި 24 އަންހެނުން އަދި ނުވަ ކުޑަ ކުދިން ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން މިހާރު ވަނީ އެއް ގައުމު އަނެއް ގައުމަށް މީހުން ވަގަށް އެތެރެ ކުރާ ނެޓްވޯކެއްގެ ބަޔަކު އަތުލައިގެންފައި ކަމަށެވެ. އެ މީހުންނަކީ ޖޯހަރުން އެޓްރާ ބޯޓަށް މީހުން ގެންދިއުމުގައި އުޅުނު 16 މީހުންނެވެ. އޭގެ ތެރޭގައި މެލޭޝިއާގެ ނުވަ މީހުންނާއި އިންޑޮނީޝިއާގެ ތިން މީހުން ވެސް ހިމެނެ އެވެ. އެޓްރާ ބޯޓުން ވަނީ ސްރީ ލަންކާގެ ހަތަރު މީހުން ހައްޔަރުކޮށްފަ އެވެ.
ބޯޓުގައި ބާކީ ތިބި 127 މީހުން ވަނީ އިމިގްރޭޝަން ގާނޫނާ ޚިލާފުވެގެން ހައްޔަރުކޮށްފަ އެވެ.