ރާނީ މުކަރްޖީ ކުޅޭނެ ފިލްމްތައް ކުރިން ހޮވައި ދިނީ މަންމަ
ރާނީ މުކަރްޖީ ކުޅޭނެ ފިލްމްތައް ކުރިން ހޮވައި ދިނީ މަންމަ

ފިލްމް "ރާޖާ ކީ އާއޭގީ ބާރާތު" އިން 1997 ގައި ބޮލީވުޑަށް ނުކުމެ، 2002 ވަނަ އަހަރު ރިލީޒް ކުރި "ސާތިޔާ" އާ ހަމައަށް ކުޅުނު ފިލްމްތަކަކީ މަންމަ ކްރިޝްނާ ސްކްރިޕްޓްތައް ހޮވައިދީގެން ކުޅުނު ފިލްމްތައް ކަމަށް ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.

ހިންދުސްތާން ޓައިމްސް ބްރަންޗަށް ދިން އިންޓަވިއުއެއްގައި 40 އަހަރުގެ ބަތަލާ ބުނީ އޭނާގެ ކާމިޔާބު ފިލްމީ ކެރިއަރު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބައްޓަންކޮށްދިނީ މަންމަ ކްރިޝްނާ މުކަރްޖީ ކަމަށެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީ ބުނި ގޮތުގައި މަންމަ އޭނާގެ ކެރިއާ މެނޭޖްކޮށް ދިނުމަކީ ކާމިޔާބުގެ އެއް އަސްލެވެ.

އެހެންވެ އެ ވާހަކަ ދައްކަން ޖެހިލުމެއް ނުވާ ކަމަށް، ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާއާ ކައިވެނިކޮށް މިހާރު ދަރިއަކު ވެސް ހުރި ބަތަލާ ބުންޏެވެ.

ރާނީގެ ކުޅޭނެ ފިލްމްތައް، އޭނާގެ މަންމަ ހޮވައި ދިން ދުވަސްވަރަށް ބަލާއިރު، ފިރިމީހާގެ ފިލްމް ކުންފުނި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ސާތިޔާ" އާ ހަމައަށް ރާނީ ވަނީ 18 ފިލްމް ކުޅެފަ އެވެ.

އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 1998 ގައި ރިލީޒް ކުރި "ކުޗް ކުޗް ހޯތާ ހޭ" އާއި "ގުލާމް" ގެ އިތުރުން ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ (2000) އާއި 2001 ގައި ރިލީޒް ކުރި "ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ" އާއި ކަބީ ހުޝީ ޢަމް" ހި،މެނެ އެވެ.

ރާނީ ބުނި ގޮތުގައި އަމިއްލަ ސްކްރިޕްޓްތައް ކިޔައިގެން ކުޅޭނެ ފިލްމްތައް ނިންމަން ފެށި ފަހުން ކުޅުނު ފިލްމްތަކުގެ ތެރެއިން އެންމެ ހާއްސަ ދެ ފިލްމަކީ އެންމެ ފަހުން މި އަހަރު ރިލިޒް ކުރި "ހިޗްކީ" އާއި 2005 ގައި ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކުރި "ބްލެކް" އެވެ.

ރާނީގެ ފާހަގަކޮށްލެވޭ އިތުރު ފިލްމްތަކުގެ ތެރޭގައި 2004 ގައި ރިލީޒް ކުރި "ވީރް-ޒާރާ" އާއި "ހަމް ތުމް" އަދި 2005 ގައި ރިލީޒް ކުރި "ބަންޓީ އޯރް ބަބްލީ" ގެ އިތުރުން "ކަބީ އަލްވިދާ ނާ ކެހެނާ" ހިމެނެ އެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމް "ހިޗްކީ" އަށް ފަހު ރާނީ މިހާރު ނިންމައިގެން ހުރީ ދެން އެހާ ދިގު މުއްދަތެއް ނުނަގައި އިތުރު ފިލްމްތަކެއްގައި މަސައްކަތް ކުރާށެވެ. އެކަމަކު ދެން ކުޅޭނެ ފިލްމެއް އަދި ނުނިންމަފަ އެވެ.