06 މެއި 2018 - 14:56

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލުމާ އެކު، ފޯމު ނަގަން ގިނަ އަދަދެއްގެ ބަޔަކު ދަރުބާރުގޭގައި ކިޔޫ ޖެހިއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް ޖުމްލަ 17 ކެޓަގަރީ ބަހާލާފައިވާއިރު، ކޮންމެ ކެޓަގަރީއަކަށް ވެސް ދޫކުރަނީ ވަކި ފޯމެކެވެ.
ފޯމު ނަގަން ގިނަ ބަޔަކު ކިޔޫގައި މި ޖެހުނީ، ފަސޭހަ އިން ފޯމު ލިބޭނެ އިންތިޒާމް ހައުސިން މިނިސްޓްރީން ހަމަޖައްސައިދީފައި ވަނިކޮށެވެ. ކިޔޫގައި ނުޖެހި ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ވެސް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއަދުން ފެށިގެން ޖުލައި 31ގެ ނިޔަލަށް ފްލެޓްތަކަށް ފޯމު ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ފޯމު ބަލައިގަންނަން ފަށާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޖުލައި 31 އަށެވެ.
ފޯމު ދޫކުރުމަށް މިއަދުން ފެށިގެން 31 ޖުލައިގެ ނިޔަލަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ޚާއްސަ ކޮށްފައިވާ އިރު، އެތަނުން މި މަޝްރޫއުގެ ހުރިހާ މައުލޫމާތެއް ވެސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. ކޮންމެ ކެޓަގަރީ އަކަށް ވަކިން ޚާއްސަ މޭޒެއް ބަހައްޓައި، މައުލޫމާތު ދޭން މިނިސްޓްރީގެ މުވައްޒަފުން ތިބެ އެވެ. މިނިސްޓްރީގެ ވެބްސައިޓުން ވެސް ފޯމު ލިބެން ހުންނާނެ އެވެ.
މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ.
އެ މަޝްރޫއުން ފްލެޓް ނުލިބުނު މީހުންނަށް ސަރުކާރުން ދެއްކި ހައްލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ 80،000 ފްލެޓެވެ. އެ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން ފައްޓަވައިދެއްވައި، ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ. މި މަޝްރޫއުގެ ބޮޑު ބައި މި އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ ހައްލަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.