06 މެއި 2018 - 13:47

އިމާދުއްދީން ސްކޫލުގެ ސީނިއާ މެނޭޖްމަންޓް ޓީމް (އެސްއެމްޓީ)ގެ ޓީމެއް، "ފަރުކޮއެ" ޕްރޮގްރާމްގެ ދަށުން ޖުމެއިރާ ވިއްޓާވެލި ރިސޯޓަށް ޒިޔާރަށް ކޮށް އެ ރަށުގެ ފަރު ބަލާލައިފި އެވެ.

އެ ސްކޫލުގެ ސެކަންޑްރީ ލީޑިން ޓީޗަރު ލަތީފާ ހަސަން ވިދާޅުވީ، "ފަރުކޮއެ" ޕްރޮޖެކްޓުގެ ތެރެއިން، ފަރު ބެލުމަށް އެސްއެމްޓީގެ 16 ބޭފުޅަކު އިއްޔެ އެ ރިސޯޓަށް ޒިޔާރަތްކުރި ކަމަށެވެ. ފަރު ބެލުމުގެ އިތުރުން ޖުމެއިރާ ވިއްޓާވެލި ރިސޯޓުން ވަނީ، ތިމާވެއްޓާ ރައްޓެހި ފެންފުޅިއެއް ވެސް، އެ 16 ބޭފުޅުންނަށް ހަދިޔާކޮށްފަ އެވެ.

"ފަރުކޮއެ ޕްރޮޖެކްޓުގެ ތެރެއިން، އަޅުގަނޑުމެން މި ދިޔައީ އެ ރިސޯޓުގެ ފަރުބަލަން. ރިސޯޓުގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު،" ލަތީފާ ވިދާޅުވި އެވެ.
ފަރުކޮއެ މަޝްރޫއަކީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލައި ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުގެ މައްޗަށް ހޭލުންތެރި އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ. މިހާރު ވެސް ރާއްޖޭގެ 29 ޕަސެންޓް ދަރިވަރުން ވަނީ ފަރު ބަލައިލުމަށް ސްނޯކްލިން ކޮށްފަ އެވެ.
އެ ޕްރޮގްރާމްގެ ތެރެއިން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ބޭނުންކުރުން ވެސް މަނާކުރަން ނިންމައިފަ އެވެ. ރާއްޖޭގެ އެކި ސްކޫލުތަކުގައި މިހާރު ވެސް އަންނަނީ އެކަން ތަންފީޒު ކުރަމުންނެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ފަހުން އެކަން ރަސްމީކޮށް އިއުލާނުކުރާނެ އެވެ.