06 މެއި 2018 - 12:28

ދުބާއީ (މެއި 6) - ޔޫޓިއުބް ވީޑިއޯއެއް މެދުވެރިކޮށް ފިލިކަން އިއުލާންކުރި ދުބާއީގެ ޕްރިންސަސްއެއް ކަމަށްވާ ޝެއިޚާ ލަތީފާ އަނބުރާ ދުބާއީ އަށް ގެންދިޔަ ފަހުން އޭނާއާ އަށް ވީގޮތެއް ނޭނގޭ ކަމަށާއި ލަތީފާ ހުރި ތަނަކާ ބެހޭ މައުލޫމާތު ހާމަކުރަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.
ދުބާއީގެ ވެރިޔާ ޝެއިޚް ރާޝިދު ބިން މަޚްތޫމްގެ އުމުރުން 32 އަހަރުގެ ދަރިކަނބަލުން ޝެއިޚާ ލަތީފާ ބިންތު މުހައްމަދު ބިން ރާާޝިދު އަލް މަޚްތޫމް ފިލަން މަސައްކަތް ކުރީ މާޗު މަހު އެވެ. އޭނާ ފިލަން އުޅުނީ މިނިވަން ދިރިއުޅުމެއް އުޅެން ވެގެން ކަމަށްވެ އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޝެއިޚާ ލަތީފާ ދަތުރުކުރަމުން ދިޔަ ލަގްޒަރީ ޔޮޓް އިންޑިއާ ކައިރިން ހުއްޓުވުމަށް ފަހު އޭނާ ވަނީ އަނބުރާ ދުބާއީ އަށް ގެންގޮސްފަ އެވެ. އޭގެ ފަހުން ލަތީފާ ވީތަނެއް ނޭނގެ އެވެ. ލަތީފާ ދަތުރުކުރި ޔޮޓް މާޗް 4 ވަނަ ދުވަހު ހުއްޓުވީ އިންޑިއާއާ 50 މޭލު ދުރުން ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެ އެވެ.
ދުބާއީގެ އޮފިޝަލުން ބުނެފައި ވަނީ ލަތީފާ ހުރި ތަނަކާ ގުޅޭ ގޮތުން ކޮމެންޓް ކުރެވެން ނެތް ކަމަށެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނީ ލަތީފާ ހުރި ތަނަކާ ބެހޭ މައުލޫމާތު އާއްމު ކުރަން ޖެހޭނެ ކަމަށެވެ.
"ޝެއިޚާ ލަތީފާ ހުރި ތަނެއް ހާމަނުކުރުމަކީ އޭނާ ގަދަކަމުން ގެއްލުވާލުމުގެ ދަރަޖަ އަށް ފެތޭނެ ކަމެއް،" ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވެ އެވެ. "ޝެއިޚާ ލަތީފާ ފިލީ އޭނާގެ އާއިލާގެ ތެރޭން ކުރިމަތިވެފައި ހުރި ބައެއް ހުރަސްތަކުން މިނިވަން ވާން. އޭނާގެ ޚަބަރެއް ނުވާތާ ދެ މަސްވެއްޖެ. އެއީ ކަންބޮޑުވާން ޖެހޭ ކަމެއް."