ޗެލްސީން ސަލާހު ވިއްކާލި މީހެއް ނޭނގޭ: ކޮންޓޭ
ޗެލްސީން ސަލާހު ވިއްކާލި މީހެއް ނޭނގޭ: ކޮންޓޭ

ލަންޑަން (މެއި 6) - ޗެލްސީން މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު 2016 ވަނަ އަހަރު ރޯމާ އަށް ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ވިއްކާލީ އޭނާއާ މަޝްވަރާނުކޮށް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ސްވިޒަލެންޑުގެ އެފްސީ ބަސެލް އިން 2014 ވަނަ އަހަރު 11 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުމުގެ ކުރިން ސަލާހް ވަނީ ލިވަޕޫލަށް ސޮއިކުރުމާ ގާތަށް ގޮސްފަ އެވެ. ޗެލްސީ އަށް އެއް ސީޒަން ކުޅުމަށް ފަހު ލޯނެއްގެ ފަށުން އިޓަލީގެ ފިއޮރެންޓީނާ އާއި ރޯމާ އަށް ކުޅުމަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ރޯމާއާ ގުޅުނީ 2016 ވަނަ އަހަރު އެވެ.

ދާދި ފަހުން ޗެލްސީގެ ކުރީގެ ކޯޗު މިހާރު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ސަލާހު ޗެލްސީ އަށް ގަތީ އޭނާ ކަމަށާއި ވިއްކާލުމުގެ ވާހަކަ އަކީ މުޅިން އެހެން ވާހަަކަ އެއް ކަަމަށެވެ. މޮރީނިއޯ 2015 ވަނަ އަހަރު ޑިސެމްބަރު މަހު ޗެލްސީ ކޯޗުކަމުން ވަކިކުރުމުން އެ ސީޒަނުގެ ނިޔަލަށް ހަވާލުވީ ގޫސް ހިޑިންކް އެވެ. ޗެލްސީން ސަލާހު ރޯމާ އަށް ވިއްކާލީ ކޮންޓޭ އެ ޓީމާ ހަވާލުވުމުގެ ތިން ހަފްތާ ކުރިންނެވެ.

"އެއްވެސް މީހަކު އަހަރެން ގާތުގައެއް ނާހާ ސަލާހު ވިއްކާލަން. އެ ޒިންމާ އަހަރެން ނަގަން ބޭނުމެއް ނޫން. އެ ޒިންމާ އަހަރެން ނަގަައިފިއްޔާ އެއީ ހެދޭނެ ގޯހެއް،" މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވުމަށް ފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހާ ބެހޭގޮތުން ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ މި ސީޒަނުގައި ސަލާހު ދައްކަމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި އޭނާ ހުއްޓުވަން ފަސޭހަނުވާނެ ކަމަށެވެ.

ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ކުޅުނު މެޗުން ރެލިގޭޝަނުގައި އޮތް ވެސްޓް ބްރޮމް އަތުން ބަލިވުމުން ގަދަ ހަތަރެއްގައި ނިންމާލުމަށް ޗެލްސީ އަށް ވަނީ އުއްމީދު އާ ވެފަ އެވެ. ލިވަޕޫލް ލީގުގެ ތިން ވަނައިގައި އޮތީ 36 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް 36 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އަށް 35 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ.

މިރޭ ލިވަޕޫލް އަތުން މޮޅުވެގެން ހަތަރު ވަނައިގައި އޮތް ޓޮޓެންހަމާ ތިން ޕޮއިންޓާ ގާތަށް ޖެހިލުމުގެ ފުރުސަތު ޗެލްސީ އަށް އެބައޮތެވެ. ލިވަޕޫލަށް މިރޭގެ މެޗުން ޗެލްސީ އަތުން ޕޮއިންޓެއް ލިބިއްޖެނަމަ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނެ އެވެ.

"ފަހު ވަގުތާ ޖެހެންދެން ގަދަ ހަތަރެއްގެ އުއްމީދު ދޫކޮށް ނުލާނަން،" ކޮންޓޭ ބުންޏެވެ.

ލިވަޕޫލާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:30 ގަ އެވެ.