06 މެއި 2018 - 11:55

ލަންޑަން (މެއި 6) - އީރާން ނިއުކްލިއާ އެއްބަސްވުން ސަލާމަތް ކުރުމުގެ މަސައްކަތް އިނގިރޭސި ވިލާތުން ފަށައިފި އެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވަނީ އެމެރިކާ އަށް ވަޑައިގެން ނިއުކްލިއާ އެއްބަސްވުން އުވާނުލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރު އެޅުމަށް ނިންމަވައިފަ އެވެ. އެއްބަސްވުމައިގެން ކުރިއަށް ދިއުމަށް ޓްރަމްޕަށް ވިސްނައިދިނުމަށް އިނގިރޭސި ވިލާތާއި ޔޫރަޕުގެ ގައުމުތަކަށް މުހުލަތު އޮތީ މި މަހު 12އާ ހަމައަށެވެ. އިނގިރޭސި ވިލާތުގެ އިތުރުން ފްރާންސް އަދި ޖަރުމަނުން ވެސް ބުނެފައި ވަނީ އެއީ އީރާނާ އެކު ގާއިމް ކުރެވޭނެ އެންމެ ރަނގަޅު އެއްބަސްވުން ކަމަށެވެ.
ޓްރަމްޕް ގެންދަވަނީ ނިއުކްލިއާ އެއްބަސްވުމަށް ތަކުރާރުކޮށް ފާޑު ވިދާޅުވަމުންނެވެ. އަދި އެއީ އުވާލަން ޖެހޭ "މޮޔަ" އެއްބަސްވުމެއް ކަމަށް ދަނީ ވިދާޅުވަމުންނެވެ.
ޖޯންސަންގެ ދަތުރުގައި އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓް އަދި ކޮންގްރެސްގެ ޚާރިޖީ ސިޔާސަތާ ބެހޭ ލީޑަރުންނާ ބައްދަލު ކުރައްވާނެ އެވެ.
އީރާނުގެ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމާ ގުޅޭ ގޮތުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި ޕްރެޒެންޓޭޝަނަކާ ގުޅިގެން އެ މައްސަލަ ވަނީ އިތުރަށް ގޯސްވެފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެފައި ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުން ގާއިމްކޮށްފައި ވަނީ ދޮގުގެ މަތީގައި ކަމަށެވެ.