06 މެއި 2018 - 11:55

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ތެރޭގައި ބޭންކުތަކަށާއި ކުންފުނިތަކަށް 464.6 މިލިއަން ޑޮލަރު ވިއްކައިފި އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 20 ޕަސެންޓް އިތުރު އަދަދެކެވެ.
މަރުކަޒީ ބޭންކުން ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބޭންކުތަކަށާއި ކުންފުނިތަކަށް ވިއްކި ޑޮލަރުގެ ތެރެއިން 243.6 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އަދި ބޭންކްތަކަށް ވިއްކާފައި ވަނީ 221 މިލިއަން ޑޮލަރެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެމްއެމްއޭ އިން ވިއްކި ޑޮލަރުގެ ތެރެއިން 53 ޕަސެންޓް ވިއްކާފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އަދި ބޭންކުތަކަށް 34 ޕަސެންޓް ވިއްކި އިރު ރާއްޖެ އިން ބޭރަށް ދަތުރުކުރި ދިވެހިންނަށް ވިއްކި ނިސްބަތަަކީ 13 ޕަސެންޓެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު ޑޮލަރު ވިއްކި ނިސްބަތް އޭގެ ކުރީ އަހަރަށް ވުރެ 61 ޕަސެންޓް އިތުރު ކަމަށެވެ. އަދި ބޭރު ފައިސާ ވިއްކުމުގެ ސިޔާސަތުގެ ދަށުން އެ ކުންފުނިތަކަށް ކުރިން ޑޮލަރު ވިއްކާފައި ވަނީ އެ ކުންފުނިތަކުގެ ޒަރޫރީ ހިދުމަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ޖުމްލަ އަދަދުގެ ވަކި މިންވަރެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ފަހުން އެ ސިޔާސަތަށް ބަދަލު ގެނެސް ކުންފުނިތަކުގެ ވިޔަފާރި ހިންގުމަށާއި އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ އޮތޯރިޓީން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކި ޑޮލަރުގެ ތެރޭގައި ހިމެނެނީ ގަވައިދުން ކޮންމެ ހަފުތާއަކު ވިއްކާ ޑޮލަރުގެ އިތުރުން ބޭސްފަރުވާއަށާއި ތައުލީމު ހާސިލްކުރުމަށް ރާއްޖެ އިން ބޭރަށް ދަތުރުކުރި ދިވެހިންނަށާއި ހައްޖު އަދި އުމްރާގެ އަޅުކަމަށް ދިވެހިން ގެންދާ ގްރޫޕްތަކަށް ވިއްކި ޑޮލަރެވެ. އެގޮތުން ކޮންމެ ހަފުތާއަކު ބޭންކުތަކަށް ވިއްކާ ޑޮލަރުގެ ގޮތުގައި 159 މިލިއަން ޑޮލަރު އަދި ތައުލީމަށާއި ބޭސްފަރުވާ އަށް ދިވެހިން ބޭރަށް ކުރި ދަތުރުތަކަށް 7.3 މިލިއަން ޑޮލަރު ވިއްކިއިރު ހައްޖާއި އުމްރާ އަށް ދިވެހިން ގެންދާ ގްރޫޕްތަކަށް ވިއްކި 2.4 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖެ އިން ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރުގެ ރޭޓުން މިދިޔަ އަހަރު 52.3 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.