އެއްވެސް ބަތަލާއަކާ ވާދައެއް ނުކުރަން: ޑިޝާ ޕަޓްނީ
އެއްވެސް ބަތަލާއަކާ ވާދައެއް ނުކުރަން: ޑިޝާ ޕަޓްނީ

ބޮލީވުޑްގެ ބަތަލާއަކާ އެއްވެސް ވާދަވެރި ކަމެއް ނެތް ކަމަށާއި އަދި ވާދަކުރަން ބޭނުން ވެސް ނުވާ ކަމަށް ޒުވާން ބަތަލާ ޑިޝާ ޕަޓްނީ ބުނެފި އެވެ.

"އެމްއެސް ދޯނީ: ދި އަންޓޮލްޑް ސްޓޯރީ" އިން 2016 ގައި ބޮލީވުޑަށް ނުކުތުމުގެ ކުރިން އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީން މަޝްހޫރުކަން ހޯދި ޑިޝާ ބުނީ ބޭނުން ވަނީ ރަނގަޅު ފިލްމްތަކެއް ކުޅެ، ބެލުންތެރިންނަށް އޭނާގެ ހުނަރު ދައްކައިލަން ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ އަދި 100 ކްރޯޑް ކުބަލުން ޖާގަ ހޯދި "ބާގީ 2" އެވެ. އެ ފިލްމަކީ ލޯބިވެރިޔާ ޓައިގާ ޝްރޮފާ އެކު ޑިޝާ ކުޅުނު ފުރަތަމަ ފިލްމެކެވެ.

"އަހަރެން ބޭނުން ވަނީ ބެލުންތެރިން ވަރަށް ގަޔާވާ ކަހަލަ ފިލްމްތަކެއް ކުޅެން،" ޑިޝާ، 25، ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއްވެސް ބަތަލާއަކާ ވާދަ ކުރުމުގެ ރޫހެއް ނެތެވެ.

"އަހަންނަކީ ވަކި ބަތަލާއަކާ ވާދަ ކުރަން މި އިންޑަސްޓްރީ އަށް ނުކުތް މީހެއް ނޫން. އަހަރެން ވާދަ ކުރަނީ އަމިއްލަ ނަފުސާ. އެހެންވެ ކޮންމެ ފަހަރަކު ވެސް އެއް ފިލްމުން އަނެއް ފިލްމަށް އެކްޓިން ރަނގަޅު ކުރެވޭތޯ އެންމެ ބޮޑަށް ބަލަނީ،" ޑިޝާ ބުންޏެވެ.

ޑިޝާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ އިންޑިއާގެ ތަމަޅައިގެން ތާރީހުގެ ތެރެއިން، ރަސްކަމެއްގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ "ސަންގްމިތުރާ" އެވެ.

މިދިޔަ އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި ލޯންޗް ކުރި މި ފިލްމް ޑިޝާ އަށް ލިބުނީ، ފިލްމަށް ކުރިން ހަމަޖެއްސި ބަތަލާ ޝްރޫތީ ހާސަން ފިލްމް ދޫކޮށްލުމުންނެވެ.