06 މެއި 2018 - 09:47

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 7،000 ފްލެޓަށް ކުރިމަތިލުމުގެ ފޯމު ދޫކުރަން ފަށާނީ މިއަދު މެންދުރު ދޭއް ޖަހާއިރު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލެޓް ފޯމު ދޫކުރާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުން އެކަނި ނޫން ކަމަށެވެ. އޮންލައިންކޮށް ވެސް ފޯމު ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއުގައި 12 ކެޓަގަރީއަކަށް ފްލެޓް ޚާއްސަކޮށްފައިވާ އިރު، ހެނދުނު 10 ޖަހާއިރު ބާއްވާ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ތަފްސީލްތައް އާއްމު ކުރައްވާނެ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މީގެ ކުރިން ފްލެޓް މަޝްރޫއުތަކަށް ހުޅުވާލުމުން، ފޯމު ނަގަން ދިގު ކިޔޫއެއްގައި ޖެހުނަސް މި ފަހަރު މުޅިން ތަފާތުވާނެ އެވެ. ފްލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް، ކިޔޫގައި ނުޖެހި ފަސޭހަ އިން ފޯމު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"އައިޑީ ކާޑު ދައްކައި ކިޔޫއެއްގައި ރައްޔިތުން ތިބޭކަށް ނުޖެހޭނެ. ފޯމު ނަގަން އެއްވެސް ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށް، ވީހާ ވެސް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީން ނިންމާފައި އޮތީ،" ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް ވިދާޅުވި އެވެ.