07 މެއި 2018 - 06:15

"ފާސްޓް އެންޑް ފިއުރިއަސް" ގެ ފިލްމްތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމްތަކެވެ. މިހާތަނަށް މި ފްރެންޗައިގެ 8 ފިލްމެއް ވަނީ އުފައްދައިފަ އެވެ. އެންމެ ފަހުން މިދިޔަ އަހަރު ރިލީޒް ކުރި "ފޭޓް އޮފް ދި ފިއުރިއަސް" އަކީ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ކުރިއަށް މިއޮތީ "ފާސްޓް އެންޑް ފިއުރިއަސް" ގެ 9 ވަނަ ފިލްމެވެ. މި ފިލްތަކުގައި އެންމެ މުހިއްމު ރޯލެއް ކުޅޭ އަދި ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ ވިން ޑީޒެލް ބުނި ގޮތުގައި ނުވަ ވަނަ ބައި ވާނީ ކުރިން ގެނައި ހުރިހާ ފިލްމްތަކަށް ގޮންޖަހާލާ ވަރުގެ ބިޔަ އަދި ވަރުގަދަ ފިލްމަކަށެވެ. ފިލްމް ރިލީޒު ކުރަން ތާވަލުކޮށްފައި ވަނީ އެޕްރީލް، 10، 2020 ގަ އެވެ
ފިލްމާ ބެހޭ ގޮތުން ޑީޒެލް ވަނީ ނުވަ ވަނަ ބައި އެފްރިކާ ބައްރުގައި ޝޫޓް ކުރުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.
"މިހާތަނަކަށް އަދި އަހަރެމެން ފާސްޓްގެ އެއްވެސް ފިލްމެއް އެފްރިކާގައި ޝޫޓެއް ނުކުރަން. އެހެންވެ މި ފަހަރު ނުވަ ވަނަ ބައި އެފްރިކާ ބައްރުުގައި ޝޫޓް ކުރުމުގެ ފުރުސަތު ވަރަށް ބޮޑު،" ޓްރިޕްލް އެކްސް ސީރީޒްގެ ވެސް ބަތަލު ބުންޏެވެ.
"ފާސްޓް" ގެ ފިލްމްތައް ކުރިން ޝޫޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ބްރެޒިލް، ޔޫކޭ، ސްޕެއިން، މެކްސިކޯ، ޔޫއޭއީ އަދި ޖަޕާން ހިމެނެ އެވެ.
"ފާސްޓް" ގެ 9 އާއި 10 ޑައިރެކްޓް ކުރަން ހަމަޖެހިފައި މި ފްރެންޗައިޒްގެ ފިލްމްތަކެއް މީގެ ކުރިން ވެސް ޑައިރެކްޓްކޮށްފައިވާ ޖަސްޓިން ލިން އެވެ. އޭނާ ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރޭގައި ފާސްޓް 3 (2006)، ފާސްޓް 4 (2009)، ފާސްޓް 5 (2011) އަދި ފާސްޓް 6 (2013) ހިމެނެ އެވެ.
އަދި ކާސްޓުން ޑްވޭން (ރޮކް) ޖޯންސަން، ޓައިރީޒް ގިބްސަން، މިޝެލް ރޮޑްރިގޭޒް، ކްރިސް (ލުޑަކްރިސް) ބްރިޖެސް، ނަތާލީ އެމެނުއެލް އަދި ޖެސަން ސްޓެތަމް ފަދަ ތަރިން ފެނިގެން ދާނެ އެވެ.
"ފާސްޓް އެންޑް ފިއުރިއަސް" އަކީ 2001 އިން ފެށިގެން ގެނެސް ދެމުން އަންނަ ފްރެންޗައިޒެކެވެ.