06 މެއި 2018 - 10:15

ޓިއުރިން، އިޓަލީ (މެއި 6) - އިޓަލިއަން ލީގުގައި ރޭ ބޮލޯނިއާ އަތުން ފަހަތުން އަރައި 3-1 އިން ހޯދި މޮޅާ އެކު ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޔުވެންޓަސް އިން ޖެހިލައިފި އެވެ.
ރޭގެ މޮޅާ އެކު ޔުވެންޓަސް އެއް ވަަނައިގައި އޮތީ 36 މެޗުން 91 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 35 މެޗުން 84 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ޓޮރިނޯ އިން ނަޕޯލީ ބަލިކޮށްފި ނަމަ ޔުވެންޓަސް އަށް ލީގު ޗެމްޕިއަންކަން ޔަގީންވާނެ އެވެ.
ރޭގެ މެޗު ފަށައިގެން 30 ވަނަ މިނިޓްގައި ބޮލޯނިއާ އަށް ލިބުނު ޕެނަލްޓީއަކުން ލީޑު ނަގައިދިނީ ސިމޯން ވާޑީ އެވެ. މިއީ ޔުވެންޓަސްގެ ޑެނިއެލޭ ރުގާނީ، ބޮލޯނިއާގެ ލޮރެންޒޯ ކްރިސެޓީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޔުވެންޓަސް އިން އެއްވަރުކުރީ ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ބޮލޯނިއާގެ ޑި މެއި އޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޔުވެންޓަސް އަށް ލީޑުނަގައިދިނީ މެޗުގެ 63 ވަނަ މިނިޓްގައި ސެމީ ކެޑީރާ އެވެ. އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ޕައޮލޯ ޑީބަލާ އެވެ.
އިޓަލިއަން ލީގުގައި ރޭ މިލާން ކުޅުނު މެޗުން ވަނީ ހެލަސް ވެރޯނާގެ މައްޗަށް 4-1 އިން ކުރި ހޯދައިފަ އެވެ، މިލާންގެ ލަނޑުތައް ޖަހައިދިނީ ހަކަން ޗަނަނޮގްލޫ އާއި އިގްނާސިއޯ އަބާޓޭ، ފަބިއޯ ބޮރީނީ އަދި ޕެޓްރިކް ކުޓްރޯނޭ އެވެ. ހެލަސް ވެރޯނާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ސެއުން ވޫ ލީ އެވެ.
މިލާން އޮތީ 36 މެޗުން 60 ޕޮއިންޓް ހަަމަކޮށް ލީގުގެ ހަ ވަނައިގަ އެވެ.