06 މެއި 2018 - 07:52

ސަލްމާން ހާންގެ ކުރިއަށް އޮތް ހަތަރު ފިލްމެއްގެ ސެޓެލައިޓް ރައިޓްސް 400 ކްރޯޑް ރުޕީސް އަށް ޒީ ނޯޓްވޯކަށް ވިއްކާލައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ހަތަރު ފިލްމަކީ އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ "ރޭސް 3" ގެ އިތުރުން އަންނަ އަހަރު އަހަރު ރިލީޒް ކުރާ "ބާރަތު" އާއި "ކިކް 2" ގެ އިތުރުން އެހެން ފިލްމެކެވެ. ހަތަރު ވަނަ ފިލްމަކީ ކޮބައިކަން ހާމަކޮށްފައި ނުވިޔަސް އެއީ "ދަބަންގް 3" ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހަތަރު ފިލްމްގެ ސެޓްލައިޓް ރައިޓްސް 400 ކްރޯޑްސް އަށް ވިއްކައިލުންވެގެން ދިޔައީ، ބޮލީވުޑްގައި މިހާތަނަށް ފިލްމްތަކެއްގެ ސެޓްލައިޓްސް ރައިޓްސް ވިއްކައިލުމުގައި ހެދި އެންމެ ބޮޑު ޑީލަށެވެ. މީގެ 6 އަހަރު ކުރިން ވެސް ސަލްމާން 8 ފިލްމެއްގެ ސެޓްލައިޓް ރައިޓްސް ސްޓާ ނެޓްވޯކަށް ބޮގު އަގެއްގައި ވިއްކައިލި އެވެ.
ސަލްމާންގެ ފިލްމެއް ނަމަ މިހާރު އެންމެ އާދައިގެ ވިޔަފާރިިއެއްގެ ގޮތުގައި ވެސް މަދުވެގެން 100 ކްރޯޑް ރުޕީސް ހޯދާނެ ކަމާއި އާންމުންގެ ފަރާތުން ފިލްމްތަކަށް ބޮޑު ތަރުހީބެއް ލިބޭނެކަމާ ދޭތެރޭ އެއްވެސް ބަޔަކު ޝައްކެއް ނުކުރެ އެވެ. އެހެންވެ އޭނާގެ ފިލްމްތަކަށް އިންވެސްޓް ކުރަން ގިނަ ބަޔަކު ފަހެއް ނުޖެހެ އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމް "ޓައިގާ ޒިންދާ ހޭ" އަށް ބޮކްސް އޮފީހުގައި 570.83 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނު އިރު، އެ ފިލްމްގެ ސެޓްލައިޓް ރައިޓްސް ސޮނީ އެންޓަޓައިންމަންޓަށް ވިއްކައިލީ 70 ކްރޯޑް ރުޕީސްއަށެވެ.
ސަލްމާންގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނަ "ރޭސް 3" އަކީ ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށްފައިވާ ސަންސްޕެންސް ތުރިލާއެކެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ޖެކްލިން ފެނަންޑޭޒް، އަނިލް ކަޕޫރް، ޑެއިޒީ ޝާހް، ބޮބީ ޑިއޯލް އަދި ސާގިބް ސަލީމް ހިމެނެ އެވެ. ބެލެވޭ ގޮތުން "ރޭސް 3" ގެ ޓްރެއިލާ މި ހަފުތާގެ ތެރޭގައި ދައްކައިލާނެ އެވެ.
ޕްރިޔަންކާ ޗޯޕްޅާއާ އެކު ސަލްމާން ކުޅޭ "ބާރަތު" އަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމެކެވެ. "ކިކް 2" އަކީ ސާޖިދު ނަދިއަދްވާލާ 2014 ގައި ގެނެސް ދިން ކާމިޔާބު ފިލްމް "ކިކް" ގެ ދެވަނަ ބައެވެ.
ސަލްމާން ފުލުހެއްގެ ރޯލުން ފެނިގެންދާ "ދަބަންގް" ފްރެންޗައިޒްގެ ތިން ބަނަ ބަޔަކީ ޕްރަބޫދޭވާ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމްގެ އެއް ބަތަލާއަކީ ސޮނާކްޝީ ސިންހާ އެވެ.