ގަވާއިދާ ހިލާފަށް ވަޒީފާ އަދާ ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި
ގަވާއިދާ ހިލާފަށް ވަޒީފާ އަދާ ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

ބ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި، ގަވާއިދާ ހިލާފަށް ވަޒީފާ އަދާ ކުރަމުން ދިޔަ 82 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ މި މީހުން އަތުލައިގަނެފައި ވަނީ މިމަހުގެ 17-22 އަށް ބ. އަތޮޅު ތުޅާދޫ، އޭދަފުށި، ދަރަވަންދޫ އަދި ގޮއިދޫގައި އެ އަތޮޅު ކައުންސިލާއި ފުލުހުންނާ ގުޅިގެން ބޭއްވި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަން އެ އަތޮޅުގައި ހިންގާފައި ވަނީ، އިމިގްރޭޝަނުން ބުނި ގޮތުގައި، އެ ރަށްތަކުގައި ގަވާއިދާ ހިލާފަށް އަތްތެރިކަމުގެ މަސައްކަތުގައި ބިދޭސީން ޝާމިލްވެ އެފަދަ މަސައްކަތް ކުރާ ދިވެހިންގެ ވިޔަފާރި އަށް ގެއްލުންވަމުން ދާތީ އަތޮޅު ކައުންސިލުން ރިޕޯޓު ކުރުމުންނެވެ.

މި އޮޕަރޭޝަނުގައި ތުޅާދޫން 57 ބިދޭސީން ޗެކު ކޮށް، 24 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި އޭދަފުށިން 54 ބިދޭސީން ޗެކު ކޮށް 26 ބިދޭސީން، ދަރަވަންދޫ އިން 85 ބިދޭސީން ޗެކު ކޮށް 18 ބިދޭސީން އަދި ގޮއިދޫން 37 ބިދޭސީން ޗެކު ކޮށް 14 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓު ކުރާ ތިން ފަރާތެއް ވެސް ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ފަރާތްތައް ހޯދާފައި ވަނީ އާންމު ރައްޔިތުން ދިން މައުލޫމާތުން ކަމަށާއި އެއީ ދަރަވަންދޫ، ގޮއިދޫ އަދި ތުޅާދޫން ހޯދި ބައެއް ކަމަށް ބުންޏެވެ.

އެތަނުން ދަރަވަންދޫ އިން ހޯދި މީހާ ހޯދާފައި ވަނީ އެ ރަށު ރައްޔިތުން ނުކުމެ ވަލުތެރެއިން ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ވަނީ މި ހަތަރު ރަށުގައި ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގެ މައުލޫމާތު ސެޝަންތައް ހިންގާފަ އެވެ. އަދި ޗެކު ކުރި ބިދޭސީން ހިމެނޭ ގޮތަށް، 233 ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީ ކުރި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.