ޗާޖަރުގެ ވާކޮޅު މަރާމާތުކުރާ ގަލަމެއް
ޗާޖަރުގެ ވާކޮޅު މަރާމާތުކުރާ ގަލަމެއް

ވާކޮޅު ހަލާކުވެގެން އަހަރަކު އެތައް ލައްކަ ޗާޖަރެއް އުކާލަންޖެހެއެވެ. ގިނަ ފަހަރަށް އެއްލައިލަން ޖެހެނީ ކޭބަލްގެ ކޮޅުގައިވާ ޕްލާސްޓިކް ފަށަލަ ކެހިގެންނެވެ. މިހެން ދިމާވުމުން މަރާމާތުކުރަން ތަނަކަށް ގެންދިޔުމަށްވުރެ ޚަރަދު ކުޑަވާނީ އަލުން ކޭބަލެއް ގަތުން ކަމަށް ވެދާނެ އެވެ.

ތަކުރާރުކޮށް ވާކޮޅު ހަލާކުވާ ނަމަ އަތުން ޚަރަދުވަނީ ކިހާ ފައިސާއެއްހެއްޔެވެ؟ ތިމާވެށްޓަށް ވެސް މިއީ ދެވޭ ގެއްލުމެކެވެ.

ޖަރުމަނުގެ އުފެއްދުމެއްކަމަށްވާ ބްލޫފިކްސް އަކީ މިގޮތަށް ބުރިވާ ޗާޖަރުވާކޮޅަށް ސީދާ އަމާޒުކޮށް އުފެއްދި ގަލަމެކެވެ. މި ގަލަމުން ޗާޖަރު މަރާމާތުކޮށްދެނީ ވާކޮޅު ބައްދާ ޖެލްއަކާއި ލެޑް ލައިޓެއްގެ އެހީގައެވެ. ގަލަމުގެ އެއްކޮޅުން ނުކުންނަ ޖެލް އަޅައިގެން ވާކޮޅު ބައްދާލާނީއެވެ. ޖެލް ހިއްކައިދޭނީ ގަލަމުގެ އަނެއް ކޮޅުގައިވާ ލެޑް ބޮކިންނެވެ.

ބްލޫފިކްސް ގަލަމަކުން 100 ފަހަރު، ކުދި މަރާމާތުކުރެވޭނެއެވެ. މީގެ ޖެލް، ޓިޔުބްގައި ހުންނަހާ ހިނދަކު ނުހިކޭނެއެވެ. މަރާމާތަށް ޖެލް ލިޔަސް ހިކޭނީ ލެޑް ބޮކިން ދިއްލާ، ހޫނުކޮށްގެންނެވެ. ޗާޖަރު ވާކޮޅު ނޫނަސް ހެޑްފޯނުވާކޮޅާއި ގޭމް ކޮންޓްރޯލަރުގެ ވާކޮޅު ވެސް ބްލޫފިކްސް އިން މަރާމާތުކުރެވެއެވެ. މީގެ ގަލަމެއް ލިބެން ހުރީ 15 އެމެރިކާ ޑޮލަރަށެވެ.