މާމެންދޫގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި
މާމެންދޫގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫގައި ރޭ އަންހެނަކު މަގުމަތިން ހުއްޓުވައި، ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ތަފްސީލެއް ނުދެ އެވެ.

މާމެންދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ރަށު މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅެމުން އަންނަ އެހެން ރަށެއްގެ އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފައި އަނިޔާކުރީ، ފިހާރައަކުން ގެއަށް ދިޔަ މަގުމަތީގަ އެވެ. އެ ހާދިސާގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާ އަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މައްސަލަ ތަހުގީގުކުރަން، ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުގެ ޓީމެއް އަންނަނީ މާމެންދޫގައި ހަރަކާތްތެރިވަމުންނެވެ.