06 މެއި 2018 - 07:53

މި މަހުގެ 11 ގައި ރިލީޒް ކުރާ ފިލްމް "ރާޒީ" އަކީ ވަރަށް ހާއްސަ ފިލްމެއް ކަމަށް ފިލްމްގެ ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒް ދާން ބުނެފި އެވެ.
ކަރަބް ޖޯހަރް ޕްރޮޑިއުސްކޮށް، މެގްނާ ގުލްޒާރުގައި ޑައިރެކްޓްކޮށްފައިވާ ފިލްމް ސޯނީ އަށް އެންމެ ހާއްސަވާ ސަބަބަކީ ދަރިފުޅު އާލިއާގެ މަންމަގެ ރޯލް ފިލްމްގައި ވެސް އޭނާ ކުޅެފައިވާތީ އެވެ. މިއީ މި ދެ މީހުން ފިލްމެއްގައި ސްކްރީން ހިއްސާ ކުރާ ފުރަތަމަ ފަހަރެވެ.
"އެންމެ އުފާވި ކަމަކީ ރާޒީގެ ރޯލެއް މެގްނާ އަހަންނަށް ދިނީތީ. އަދި އެކަމަކު އެއަށް ވުރެ ބޮޑަށް އުފާވީ ދަރިފުޅާ އެކު މި ފިލްމް ކުޅެން ފުރުސަތު ލިބުނީމަ،" ސޯނީ ބުންޏެވެ. "މިއީ އަހަރެމެން ދެ މީހުންނަށް ވަރަށް ޖަޒުބާތީ ވެސް ކޮށްލި ފިލްމެއް."
އޭނާ ބުނި ގޮތުގައި "ރާޒީ" ގައި އާލިއާގެ ވަރަށް ފުރިހަމަ މޮޅު އެކްޓިންއެއް ފެންނާނެ އެވެ. ޒުވާން ބަތަލާ ބޮލީވުޑުން މިހާރު ހޯދާފައިވާ މަގާމާ ބެހޭ ގޮތުން ސޯނީ ބުނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އާލިއާ ވަރަށް ގިނަ ވައްތަރުގެ ފިލްމްތައް ކުޅެގެން، އޭނާގެ ހުނަރު ދައްކާލައިފައިވާ ކަމަަށެވެ.
"ސްޓޫޑަންޓް އޮފް ދި އިޔާގައި ވަރަށް ގްލެމަރަސް ރޯލެއް ކުޅެފައި، ހަމަ އެހާ އަވަހަށް އުޅުތާ ޕަންޖާބާއި ހައިވޭ ފަދަ ފިލްމްތަކުގައި ގްލެމަރަސް ނޫން އަދި އެހާމެ ތަފާތު ރޯލްތަކެއް އާލިއާ ކުޅުމަކީ އޭނާގެ ހޮވުންތަކަށް ފާޑު ކިޔާނެ ޖާގައެއް ވެސް އޮންނާނެ ކަމެއް ނޫން،" ސޯނީ ބުންޏެވެ.
އާލިއާ، 25، އަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި އަދި ކާމިޔާބު އެއް ބަތަލާ އެވެ. "ރާޒީ" އަށް ފަހު އޭނާ ދެން ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި ރިލީޒް ކުރާ ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" އެވެ.
އޭގެ ފަހުން އެޕްރީލް 19 ގައި އަބީޝެކް ވަރްމަންގެ "ކަލަންކް" އިން އާލިއާ ފެންނާނެ އެވެ.