05 މެއި 2018 - 09:38

ބްރައިޓަން (މެއި 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން ހޯދި މޮޅާ އެކު އަންނަ ސީޒަނުގައި ވެސް ލީގުގެ ޖާގައެއް ކަށަވަރުކޮށް ބްރައިޓަން ހަމަޖެހިލައިފި އެވެ.
ލީގުގައި ބްރައިޓަން އަށް ބާކީ އޮތީ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ދެ މެޗަށް ދިއުމުގެ ކުރިން ރޭގެ މެޗަށް ބްރައިޓަން އިން ޔުނައިޓެޑާ ދެކޮޅަށް ނުކުތީ މޮޅެއް ހޯދުމުގެ އަޒުމުގަ އެވެ.
ބްރައިޓަން އިން ރޭގެ މެޗު ކާމިޔާބު ކުރިއިރު މިއީ 36 އަހަރު ތެރޭ ޔުނައިޓެޑް އަތުން ބްރައިޓަން އަށް ހޯދުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ޔުނައިޓެޑް އަތުން އެ ޓީމު މޮޅުވީ 1982 ވަނަ އަހަރު އެވެ.
ރޭގެ ތިން ޕޮއިންޓާ އެކު ބްރައިޓަން ލީގުގެ 11 ވަނައިގައި އޮތީ 40 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 77 ޕޮއިންޓް ހަމަކޮށްގެންނެވެ.
ބްރައިޓަން އިން ދިޔައީ ރޭގެ މެޗު ފަށައިގެން ލިބޭ ފުރުސަތުތަކުގައި ޔުނައިޓެޑަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ގްލެން މަރޭ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ރޮމެލޫ ލުކާކޫ އަށް އަނިޔާވެފައިވުމުން ރޭގެ މެޗުގައި އޭނާ ނުކުޅެ އެވެ. އަދި ރޭގެ މެޗަށް ޔުނައިޓެޑުން ވަނީ އަލެކްސިސް ސަންޗޭޒަށް ވެސް އަރާމްކުރަން ފުރުސަތު ދީފަ އެވެ. ޔުނައިޓެޑްގެ އެންމެ ކުރި އަށް ކުޅެމުން ދިޔައީ މާކޯސް ރެޝްފޯޑާއި އެންތަނީ މާޝިއަލް އަދި ހުއާން މަޓާ އެވެ. ފުރަތަމަ ހާފުގައި ރެޝްފޯޑަށް ހުސްކޮސް ލިބުނު ބޯޅައެއް އޭނާ އަތުން ގެއްލުނީ ލަސްކޮށްލުމުގެ ސަބަބުންނެވެ. އެ ބޯޅަ މާޝިއަލް އަށް ދީގެން އެ އަށް ވުރެ ރަނގަޅަށް ފޮނުވާލުމުގެ ފުރުސަތު އޮތެވެ.
މެޗުގައި ބްރައިޓަންގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕަސްކާލް ގްރޮސް އެވެ. ގްރޮސް ބޮލުން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރު މާކޯސް ރޯހޯ ބޭރުކޮށްލީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ކުރި މަސައްކަތްތަށް ބަލާއިރު ބްރައިޓަން އަށް މޮޅެއް ހައްގުވާ ކަމަށެވެ.
"ބްރައިޓަން އަށް މި މެޗު މިދިޔައީ ވަރަށް އިންސާފުވެރިކޮށް. އެ މީހުން މި ނަތީޖާ އަށް ވަރަށް މަސައްކަތްކޮށްފި. އެ މީހުން ޕޮއިންޓް ހޯދަން އެ ކުރީ ވަރަށް ބުރަ މަސައްކަތެއް. ވަކި ކުޅުންތެރިންތަކެއް ނެތިގެން ޔުނައިޓެޑަށް ކަމެއް ނުކުރެވުނީއެއް ނޫން. ކުޅުންތެރިން އެކުގައި ކުރަން ޖެހޭ މަސައްކަތް ނުކުރެވުނީ،" މޮރީނިއޯ ބުންޏެވެ.
ބްރައިޓަންގެ ކޯޗު ކްރިސް ހިއުޓަން ވަނީ އެ ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފް ކޮށްފަ އެވެ.