ސިރިސޭނާގެ ޗީފް އޮފް ސްޓާފް ހައްޔަރުކުރީ 20 މިލިއަން ރުޕީސްއާ އެކު
ސިރިސޭނާގެ ޗީފް އޮފް ސްޓާފް ހައްޔަރުކުރީ 20 މިލިއަން ރުޕީސްއާ އެކު

ކޮލަމްބޯ (މެއި 5) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޗީފް އޮފް ސްޓާފް އައި.އެޗް.ކޭ. މަހާނަމާ، ފުލުހުންގެ ބެލުމުގެ ދަށް ގެންދިޔައީ ރިޝްވަތުގެ މުއާމަލާތް ހިންގަނިކޮށް ކަމަށާއި އޭރު އޭނާގެ އަތުގައި 20 މިލިއަން ރުޕީސް ހުރި ކަމަށް އޮފިޝަލުން ބުނެފި އެވެ.

އެންޓި-ގްރާފްޓް ކޮމިޝަނުން ބުނީ މަހާނަމާ ފުލުހުންގެ ބަންދަށް ބުރާސްފަތި ދުވަހު ގެންދިޔައީ ބޭރުގެ އިންވެސްޓަަރެއްގެ އަތުން ރިޝްވަތު ނެގި ކަމުގެ ކުށުގައި ކަމަށެވެ. އޭނާ ހައްޔަރުކުރީ ހަކުރު އުފައްދާ ކުންފުންޏަކަށް ސަރުކާރުގެ ބިމެއް ދޭ މަތިން 20 މިލިއަން ރުޕީސް (133،000 ޑޮލަރު) ގެ ރިޝްވަތުގެ މުއާމަލާތް ހިންގަނިކޮށެވެ.

އެންޓި-ގްރާފްޓް ކޮމިޝަނާ ނެވީލް ގުރުންގެ ވިދާޅުވީ މަހާނަމާ އާއި ސަރުކާރުގެ ޓިމްބާ ކުންފުނީގެ ޗެއާމަން ޕިޔާސާދާ ޑިސަނައިކަ ވަނީ ހަކުރު އުފައްދާ ކުންފުނީގެ އިންޑިއާގެ އިންވެސްޓަރު އަތުން ރިޝްވަތު ހޯދަން ޑިމާންޑްކޮށްފައި ކަމަށެވެ. އަދި އެ ކުންފުނިން ވަނީ އެ މައްސަލަ ޖައްސާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން އަތުލައިގަތީ ކޮލަމްބޯގެ ހޮޓަލެއްގެ ތެރޭގައި ރިޝްވަތުގެ މުއާމަލާތް ހިންގަނިކޮށް. އޭރު އެ މީހުންގެ އަތުގައި ރިޝްވަތުގެ ފައިސާގެ ފަސްބައިކުޅަ އެއްބައި ހުރި،،" ގުރުންގެ ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގުގައި އުޅޭ އޮފިޝަލަކު ބުނީ 20 މިލިއަން ރުޕީސް އަކީ ރިޝްވަތުގެ ގޮތުގައި ދޭ 100 މިލިއަން ރުޕީސްގެ ބައެއް ކަމަށެވެ.

ރައީސް ސިރިސޭނާ މިހާރު ވަނީ ހައްޔަރުކުރި ދެ މީހުން ސަސްޕެންޑް ކުރަން އަންގަވައިފަ އެވެ. އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ 2015 ގައި ސިރިސޭނާ ވެރިކަމަށް ވަޑައިގަތުމަށް ފަހު އުފެއްދި މިނިވަން އެންޓި-ގްރާފްޓް ކޮމިޝަނުން އަންގައިގެން ކަމަށް ވިދާޅުވި އެވެ. ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަން ނައްތާލާނެކަމުގެ ވައުދާ އެކު އެވެ.

"ގާނޫނު ތަންފީޒް ކުރާ ފަރާތްތަކުން އެއްވެސް ބިރެއް ނެތި އެ މީހުންގެ ވާޖިބު އަދާކުރެވޭނެ މާހައުލެއް އުފެއްދިފައިވާތީ އުފާކުރަން،" ސިރިސޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

މަހާނަމާ އަކީ ކޮރަޕްޝަނުގެ ތުހުމަތުގައި ސިރިސޭނާގެ ސަރުކާރުން ހައްޔަރުކުރި އެންމެ މަތީ އޮފިޝަލެވެ.