ރައުލް އަށް ޓޮޓެންހަމް ކަމުދިޔުމަކީ މެސެޖެއް: ޕޮޗެޓީނޯ
ރައުލް އަށް ޓޮޓެންހަމް ކަމުދިޔުމަކީ މެސެޖެއް: ޕޮޗެޓީނޯ

ލަންޑަން (މެއި 5) - މިހާރު ކޯޗިން ކޯސް ފުރިހަމަ ކުރަމުން އަންނަ ސްޕެއިނުގެ ކުރީގެ ފޯވާޑް ރައުލް ގޮންޒާލޭޒް އޭނާގެ ކޯޗިންގެ ޓްރެއިނިން ބައެއް ފުރިހަމަ ކުރުމަށް ޓޮޓެންހަމް އިހުތިޔާރު ކުރުމަކީ އެހެން ކްލަބްތަކަށް މެސެޖެއް ލިބޭނެ ކަމެއް ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައުލް ވަނީ ޓޮޓެންހަމް ކުޅުންތެރިންނާ އެކު ފަރިތަކޮށްފަ އެވެ. އަދި ފަތިތަކުރުންތަކަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރައުލްއާ އެކު ހޭދަކޮށްފައިވާ ވަގުތަކާ ބެހޭގޮތުން ޝުއޫރު ފާޅުކޮށްފަ އެވެ.

"ރައުލް ކަހަލަ ކުޅުންތެރިޔެއް ކޯޗިންގެ ބެޖް ހޯދަން ޓްރެއިނިން ބައި ފުރިހަމަ ކޮށްލަން ދުނިޔޭގެ ކޮންމެ ކްލަބަކުން ވެސް މަރުހަބާ ކިޔާނެ. އެކަމު ރައުލް ބޭނުންވީ ޓޮޓެންހަމަށް އައިސް އެކަން ކުރަން. ރައުލް ޓޮޓެންހަމް އިހުތިޔާރު ކުރުމަކީ އޭނާ ދިން ކޮންމެވެސް ކަހަލަ މެސެޖެއް،" ޕޮޗެޓީނޯ ބުންޏެވެ.

ސްޕާސް ޓީވީ އަށް ރައުލް ދިން އިންޓަވިއުއެއްގައި ބުނީ ޓޮޓެންހަމްގައި ހުރީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކެއް ކަމަށާއި މި ކްލަބަކީ ޒުވާން ކޯޗަކާ އެކު ރަނގަޅު ޓްރެކު އޮތް ކްލަބެއް ކަމަށެވެ. އަދި ޓޮޓެންހަމް އިހުތިޔާރު ކުރީ ވެސް އެ ސަބަބުތަކަށްޓަކައި ކަމަށް ބުންޏެވެ.

އަންނަ މަހު ފަށާ ވޯލްޑް ކަޕަށް ތައްޔާރުވާން ބްރެޒިލް ގައުމީ ޓީމު ވެސް ޓްރެއިނިން ފުރިހަމަ ކުރަން ހަމަޖައްސާފައިވަނީ ޓޮޓެންހަމްގެ ޓްރެއިނިން ސެންޓަރުގަ އެވެ. އެތަނަކީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ ސެންޓަރު ނަގާފައި މި ވަގުތު ޔޫރަޕްގައި އެންމެ ޒަމާނީ ވަސީލަތް ގިނަ ޓްރެއިނިން ސެންޓަރެވެ.

އަންނަ ސީޒަނުގައި ޓޮޓެންހަމްގެ އާ ސްޓޭޑިއަމް ހުޅުވާއިރު، ޔޫރަޕްގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހަތަރު އަހަރު ތެރޭ ޓޮޓެންހަމަށް ޔޫރަޕްގައި ރަނގަޅު ހިސާބަކަށް ދެވުމުގެ ފުރުސަތު ބޮޑެވެ.