ޔުއެފާ އިން ސިމިއޯނީ އަށް އަދަބުދީފި
ޔުއެފާ އިން ސިމިއޯނީ އަށް އަދަބުދީފި

މެޑްރިޑް (މެއި 5) - ޔުރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ރެފްރީންނާ ބޭއަދަބީ އިބާރާތުން މުހާތަބު ކުރުމުން އޭނާ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ޔުއެފާ އިން ނިންމައިފި އެވެ.

އެއާ އެކު ސިމިއޯނީ އަށް މި މަހު 16 ވަނަ ދުވަހު ފްރާންސްގެ ލިޔޯނުގައި މާސޭއާ ދެކޮޅަށް ކުޅޭ ޔުރޮޕާ ލީގުގެ ފައިނަލް މެޗުގައި ޓީމަށް އިރުޝާދުދޭން ބެންޗުގައި ނުހުރެވޭނެ އެވެ. އެ ޓީމުން ފައިނަލަށް ދަތުރުކުރީ ސިމިއޯނީގެ ސަސްޕެންޝަންގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ އާސެނަލް އަތުން އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެގެންނެެވެ.

ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ދެން އެތުލެޓިކޯ އެންމެ އަވަހަށް ޔޫރަޕްގައި ކުޅޭ ދެ މެޗަށް ވެސް ސިމިއޯނީ ވަނީ ސަސްޕެންޑްވެފަ އެވެ.

އާސެނަލާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އެތުލެޓިކޯގެ ފުލްބެކް ސީމް ވިސައިކޯ އަށް މެޗުގެ ރެފްރީ ރަތް ކާޑު ދެއްކުމުން ސިމިއޯނީ ވަނީ ވަރަށް ބޮޑަށް އެކަމާ ނުރުހުންފާޅުކޮށްފަ އެވެ. މެޗުގެ ހަތަރު ވަނަ އޮފިޝަލަށް ތަކުރާރުކޮށް އެޕީލް ކުރުމުގެ ނަތީޖާ އަކަށްވީ ރެފްރީ އައިސް އޭނާ ބެންޗުން ފޮނުވާލުމެވެ.

އެ މެޗުގައި އެތުލެޓިކޯ އިން އާސެނަލް ދަނޑަށް އެއްޗެހި އުކުމުން ޔުއެފާ އިން ވަނީ އެތުލެޓިކޯ 10،000 ޔޫރޯ އިން ޖޫރިމަނާ ކޮށްފަ އެވެ.

ސިމިއޯނީ އަށް މީގެ ކުރިން ވެސް ވަނީ ގިނަ އަދަބުތަކެއް އައިސްފަ އެވެ. އެ ގޮތުން 2014 ވަނަ އަހަރު ސްޕެނިޝް ސުޕަ ކަޕްގައި ސިމިއޯނީގެ ފަރާތުން ފެނުނު ކަންތައްތަކެއްގެ ސަބަބުން ސްޕެނިޝް ފެޑެރޭޝަނުން ވަނީ އޭނާ އަށް މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އަށް މެޗުގެ ސަސްޕެންޝަންގެ ތެރެއިން އޭނާ ހަތަރު މެޗަށް ސަސްޕެންޑްކުރީ ރެފްރީ ގައިގައި އަތްލުމުންނެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު ސްޕެނިޝް ލީގުގެ ފަހު ތިން މެޗަށް ސިމިއޯނީ ސަސްޕެންޑްކުރީ މަލާގާއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗެއްގެ ވަގުތު ބޭކާރު ކުރުމުގެ ގޮތުން ބޯލްބޯއީ އެއް ގާތުގައި ދަނޑަށް ބޯޅަ އެއްލުމަށް ބުނުމާ ގުޅިގެންނެވެ.