ދަރިފުޅުގެ އެކުވެރިޔާ
ދަރިފުޅުގެ އެކުވެރިޔާ

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

"ކާކު؟" ސިއްސައިގެން ގޮސްފައި އަހަންނަށް ބުނެވުނެވެ. "ކާކު ކާކު؟"

އަޑު އިވުނީ ވަރަށް ގާތުންނެވެ. އެހެންނަމަވެސް، ކޮޓަރިތެރެ އޮތީ ފަޅުކޮށެވެ. ފަންކާއިން އިވޭ އަޑު ފިޔަވައި އެހެން އަޑެއް ނެތެވެ. ދުރުދުރުން ކުއްތާއެއް ގޮވާ އަޑު އިވުނެވެ. ހުމޭރު އޮތީ ނިދާފައެވެ. މަނާރަތު ވެސް އޮތީ ގަދަ ނިދީގައެވެ. އަހަރެން ވިސްނަން އޮތީމެވެ. އެ އަޑަކީ އަހަންނަށް އެކަނި އިވުނު އަޑެއް ހެއްޔެވެ؟ ގޭތެރެއިން އިވުނު އަޑެއް ހެއްޔެވެ؟ ނުވަތަ މުޅި ހިސާބުގަނޑުން އިވުނު އަޑެއް ހެއްޔެވެ؟ ވިސްނަން އޮއްވައި ހުމޭރު ފުރޮލިތަން އަހަންނަށް ފެނުނެވެ. އޭނައަށް ވެސް އަޑުއިވުނީ ހެއްޔެވެ؟ ހިތުގައި އެ ސުވާލު އުފެދުމާއެކު އޭނައަށް ގޮވައިލީމެވެ.

"ހުމޭރު!" ވައި އަޑަކުން އަހަރެން ބުނީމެވެ. "ހޭލާތަ؟ އިވުނުދޯ އެ އަޑު؟"

"ކޮން އަޑެއް؟" ހުމޭރުގެ އަޑަކު އެއްވެސް ހާސްކަމެއް ނެތެވެ. "މަށަކަށް ނީވޭ އެއްވެސް އަޑެއް. ހާދަ ހޫނު ރެޔެކޭ ދޯ؟"

"އެހެންނުވާނެ،" އަހަންނަށް ގަބޫލުނުކުރެވިގެން ބުނީމެވެ. "ހޮޅިބުރި ދިއްލަބަލަ!"

ހުމޭރު ތެދުވިއެވެ. ހޮޅިބުރި ދިއްލިއެވެ. އަހަރުމެން ފިޔަވައި އެހެން މީހަކު އެ ތާކު ނެތެވެ.

"މަށަށް އަޑެއް ލެއްވުނީތަ؟" ހުމޭރު ސުވާލުކުރިއެވެ. "ބިރުވެރި ހުވަފެނެއް ފެނިގެން އަހަރެން ހުވަފެނުގަ ހަޅޭއްލަވައިގަތީމޭ. ދޮންތައަށް ވެސް އިވޭ ވަރަށް ދޯ މަށަށް ހަޅޭއްލަވައިގަނެވުނީ. ހުވަފެނުގަ ހަޅޭއްނުލެވިގެން އުޅެނިކޮށް އަޑު އައީ. ބައެއް ފަހަރު ވާނެ އެހެން. ބެދިފަ ހުރި ކަހަލަ ގޮތަކަށް، ތޫލި އަޑެއް ދޯ އިވުނީ؟"

އަހަރެންނަށް ހިތްހަމަޖެހުން ލިބުނީ އެ ހިސާބުންނެވެ. ވަރަށް ކުޑައިރު ހުމޭރު ހާނިދިގޮވައެވެ. އެ ކަން ހުއްޓުނުތާ ކިތަންމެ ޒަމާނެކެވެ. ބިރު ފިލި ނަމަވެސް، އެ ރެއަކު ދެނެއް ނުނިދުނެވެ. ހުމޭރު އޮށޯތްތާ މާ ގިނައިރެއް ނުވެ މަޑުމަޑުން ގުގުރިދަމާ އަޑު އިވެން ފެށިއެވެ. އިރު އެރިއިރު ވެސް އަހަރެން އޮތީ ހޭލައެވެ.

ޖެހިގެން އައި ދުވަހު ރާމިޒާ އައެވެ. އޭނައަކީ ތިމާގެ ކުއްޖެކެވެ. ރާމިޒާ ފުރަން ދިޔަ މަގުމަތީގައި، މުޒާހަރާއެއްގެ ތެރެއަށް ވަދެވިގެން ގަޑިއަށް އެއާޕޯޓަށް ނުދެވުނީއެވެ. ޖެހިގެން އޮތް ދުވަހަށް ޓިކެޓު ހަމަޖެއްސުމަށް ފަހު ރާމިޒާ އައީ އަހަރުމެން ތިބި ގެއަށެވެ. ފިރިމީހާ އާއި މަނާރަތު އުމުރުގެ ދަރިއެއް ވެސް ހުއްޓެވެ. އެ ދުވަހު ވަރަށް ފޫހި ފިލިއެވެ. ކައިރި ހިސާބެއްގައި އޮތް ކާނިވަލަކަށް ވެސް އަހަރުމެން އެންމެން ދިޔައީމެވެ. އެ ތަނުން ޖަވާހިރު ވިއްކާ މީހަކާ ދިމާވިއެވެ. އެ މީހާގެ ފިހާރައަށް އަހަރުމެން ވަނީ، ޖަވާހިރުތައް ބަލައިލުމުގެ ބޭނުމުގައެވެ. ގިނައިން ހުރީ އަގު ހެޔޮ ވައްތަރުތަކެވެ. ރާހިބަލާ މީހަކު ވެސް އެ ތަނުގައި އިނެވެ. ރާހި ބަލަން ބޭނުންވީ ރާމިޒާއެވެ. އެކަމަކު، އަހަރެން ފެނުމާއެކު އަހަންނަށް އިޝާރާތް ކޮށްލިއެވެ. ސުވާލު އުފެދިފައި އަހަރެން ހުއްޓައި އެ މީހާ އައެވެ. އަހަންނަށް ވުރެ ބޮޑަށް އޭނަ ބެލީ މަނާރަތަށެވެ. އުރާލަން ދިނުމަށް އެދުނެވެ. އަހަރެން އިންކާރު ކުރީމެވެ. އަތްލުމުގެ ހުއްދައަށް އެދުނެވެ. އެ ހުއްދަ ދިނީމެވެ. މަނާރަތުގެ ބުރިކަށީގައި އޭނަ އަތްޖައްސައިލިއެވެ. ކޮންމެވެސް ވަރެއްގެ ސިހުމެއް އޭނައަށް ލިބުނެވެ. އެއާއެކު، އޭނަ އަވަސްއަވަހަށް އެ ތަނުން ނުކުމެގެން ދިޔައީއެވެ. އެ ހައިރާންކުރަނިވި ހަރަކާތްތަކުގެ މާނައެއް އަހަރުމެންނަކަށް ނުވިސްނުނެވެ.

ރާމިޒާ ގަތް ސާމާނުތައް ފޮށްޓަކަށް ނޭޅުނެވެ. އަލުން ފޮށި ހުޅުވައިގެން އެއްޗެހިތައް ތަރުތީބުން އެތުރީމެވެ. އެ ކަމަށް އަހަރެން ވަރަށް ކުޅަދާނައެވެ. ވަރަށް ރީތިކޮށް ފޮށިފޮށްޓަށް ސާމާނުތައް ބަހާލީމެވެ. އެހެންނަމަވެސް، އެ ކަން ނިމުނުއިރު ބާރަޖަހައި އިރުކޮޅެއް ވެއްޖެއެވެ. މަޖާ ވާހަކަދައްކާލަން ތިބެފައި އަހަރުމެން ނިދިއިރު ދޭއްޖަހަނީއެވެ. ރާމިޒާމެން ނިދީ، އަހަރެންގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައެވެ. އެނދުގައި ޖެހުމާއެކު އަހަންނަށް ނިދުނެވެ. ހީވީ ނިދިފައި ހޭލެވުނުހެންނެވެ. ހޭލެވުނީ އަހަންނަށް ކޮންމެވެސް އަޑެއް އިވިގެންނެވެ. އިވުނީ ކޮން އަޑެއްކަމެއް، އަޑު އައީ ކޮން ދިމާއަކުންކަމެއް އެ ފަހަރަކު ނޭނގުނެވެ. ގަޑި ބަލައިލިއިރު، ތިނެއް ޖަހައިފިއެވެ. ދެން ނިންޖެއް ނައެވެ. އެއްގޮތަކަށް ވެސް ނިދީގެ އަސަރު ނެތީއެވެ. އެ ގޮތަށް އޮންނަންޖެހުމުން، އެކި ކަހަލަ ފިކުރުތައް ކުރެވުނެވެ. ރާހި ބަލާ މީހާ ކަންތައް ކުރި ގޮތް، އަނެއްކާ ވެސް ހަނދާނަށް އައެވެ. އެ ހަނދާން އައުމާއެކު، މަނާރަތަށް ބަލައިލެވުނެވެ. މުޅި ގައިން ދިޔައީ ހީބިހިނަގައިގެންނެވެ. މަނާރަތު އޮތީ ދެ ލޯ ބޮޑުކޮށްގެން އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ކުޑަމިނުން އެސްފިޔަ ވެސް ނުޖަހައެވެ. އެއީ، އެހެންޏާ ދުވަހަކު ވެސް މަރާނަތު ކަންތައް ކުރި ގޮތެއް ނޫނެވެ.

"ދަރިފުޅާ!" އޯގާތެރިކަމާ އެކުގައި އަހަރެން މަޑުމަޑުން ގޮވައިލީމެވެ. "ކިހިނެއްވީ؟"

މަނާރަތު ޖަވާބެއް ނުދިނެވެ. އޭނަ ގައިގައި އަހަރެން ފިރުމައިލީމެވެ. އެއާއެކު، އެނދު ކައިރިއަށް މީހަކު ހުއްޓުނުކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. އެ މީހަކު އެނދުގައި އިށީނދެލިހެން ވެސް ހީވިއެވެ. އެނދަށާއި ގޮދަޑިއަށް އެ ލޮޅުންއެރިއެވެ. ބަލައިލާކަށް ނުކެރުނެވެ. ގައިން ވާގިދޫވާން އުޅުނެވެ. އެކަމަކު، ނުވެއެވެ. ކޮޓަރީގެ ހޫނުމިން ދަށަށް ދިޔައެވެ. މަނާރަތުގެ ކަޅި އަހަރެންގެ މޫނުން ނެއްޓުނެވެ. އެނދުގައި މީހަކު އިނުމުން އެ މީހާގެ މޫނަށް ބަލައިލާ ގޮތަށް ބަލައިލިއެވެ. އިށީނދެގެން މީހަކު އިންކަމެއް ނުވަތަ ނެތްކަމެއް ނޭނގެއެވެ. އަހަރެން ބެލީ މަނާރަތުގެ މޫނަށެވެ. އަހަރެންގެ އިނގިއްޔަކަށް ވެސް ހަރަކާތެއް ނުގެންނަމެވެ. ގޮދަޑިއަށާއި އެނދަށް އަންނަ ލޮޅުމަކަށް ބަދަލެއް ނައެވެ. މަނާރަތާ ދިމާއަށް އަހަރެން އެނބުރިގެން އޮތްއިރު، އަހަރެންގެ އަތުގައި އިސްތަށިގަނޑެއް ޖެހޭހެން ހީވިއެވެ. މަނާރަތު ހޭން ފެށިއެވެ. އަތް ދިއްކުރިއެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވެފައި ހުރީ، ދުވަހަކު ވެސް ނުވާ ވަރަށެވެ. ކުއްލިއަކަށް ބަލައިލަން ހިތަށްއެރިއެވެ. ހިތްވަރެއް ނުލިބުނެވެ. އިރުކޮޅަކުން މަނާރަތު ދެ ލޯ މަރައިލިއެވެ. ކޮޓަރީގެ ފިނިކަން ކެނޑި، ކުރިން ހުރި ހޫނުމިނަށް ބަދަލުވިއެވެ. ދެން ވެސް ގުޑާނުލައި އަހަރެން އޮތީމެވެ. އެތައް އިރެއް ވާންދެން އޮވެފައި، މަޑުމަޑުން އެނބުރިލީމެވެ. ކޮޓަރި އޮތީ ފަޅަށެވެ. ހުމޭރު އޮތީ ނިދާފައެވެ. އެހެންވިޔަސް، އަހަންނަށް އިހުސާސް ކުރެވުނު ހުރިހާ ކަމެއް އެއީ ކުށްހީއަކަށް ނުހެދޭނެއެވެ.

ރާމިޒާ ފުރުވަން އެއާޕޯޓަށް ދިޔަ ދަތުރުގައި އަހަރެންނާއި ހުމޭރު ވެސް ބައިވެރިވީމެވެ. ހުމޭރުގެ ކޮލެޖު ބަންދު ދުވަހަކަށް ވީތީއެވެ. މަނާރަތު އިނީ ހުމޭރުގެ އުނގުގައެވެ. ދުރުން ފެންނަ މަންޒަރުތަކަށް ނަޒަރު ހުއްޓައިލައިގެން އަހަރެން އިނީމެވެ. ދިމާވި ހުރިހާ ކަމެއް ކިޔައިދީފައި ޝައްކުބަލި ބޮޑު މީހަކަށް އަހަރެން ވާންވީ ހެއްޔެވެ؟ ހުމޭރުގެ ކިޔެވުމަށް ވާނެ ގޮތެއް ވާން ދޫކޮށްލަންވީ ހެއްޔެވެ؟ އެ ހުރިހާ ކަމެއް ގުޅިފައިވަނީ އަހަރެންގެ ދަރިފުޅާ ހެއްޔެވެ؟

"ހުމޭރު ތި އުޅެނީ ކޮންކަހަލަ ގެއެއްގަތަ؟" ރާމިޒާ ކުއްލިއަކަށް ސުވާލުކުރިއެވެ.

"ކޮބާކޮބާ!" އަހަންނަށް ބުނެވުނެވެ. "ރާމިޒާއަށް ވެސް ރޭގަ އަޑެއް އިވުނީ ދޯ؟ ނުނިދުނު ދޯ؟ މި ހުމޭރު ގަބޫލެއް ނުކުރާނެ."

ރާމިޒާ އެކަންޏެއް ނޫނެވެ. އަންހެނަކު ނިކަން ބާރަށް ހަޅޭއްލަވައިގަތް އަޑު، ރާމިޒާގެ ފިރިމީހާއަށް ވެސް އިވުނެވެ. ތިންވަނަ ހެއްކެއް ވެސް ލިބުނީއެވެ. އަލުން ގެއެއް ހޯދާކަށް ފަސޭހައެއް ނުވާނެއެވެ. އެހެންވިޔަސް، ހުމޭރު އެ ގޭގައި އުޅޭކަށް އަހަރެންގެ ހިތެއް ވެސް ނޭދުނެވެ.

"އަޑު އެކަންޏެއް ނޫނޭ،" ރާމިޒާ ކިޔައިދިނެވެ. "އަހަރެން ނިދިއިރު ބޮކި ވަރަށް އަލި މަޑު. އެކަމަކު މަށަށް ހޭލެވުނުއިރު ކޮޓަރިތެރެ ހީވަނީ ދުވާލުހެން. ދެން މަ ނިދަން އުޅެއުޅެ ނުވެސް ނިދުނު. ތި ގެ ހަމަ ވަރަށް ނާމާން."

"އަނެއްކާ!" ހުމޭރު ޗޮކެއް ކަނޑައިފައި ބުންޏެވެ. "މަ ބުނެފީމެއްނު ތި ކަހަލަ ވާހަކަނުދައްކާށޭ، މަ އެކަންޏޭ ފަހުން ގޭގަ އުޅެންޖެހޭނީ. އެ ބޮކީގަ އުޅޭނެ މައްސަލައެއް. އަނދަންކަންނޭނގެ އެ އުޅެނީ. އެ އަޑަކީ މަށަށް ލެއްވޭ އަޑެކޭ. ދޮންތައަށް މާ ރަނގަޅަށް އެނގޭނެ އެ ކަން."

ނިކަން ހުސިޔާރުކަމާ އެކުގައި ހުމޭރު ހުރިހާ ވާހަކައެއް ވެސް އޮއްބައިލިއެވެ. ކޮންމެ ކަމަކަށް ސަބަބު ދެއްކިއެވެ. އިންޑިޔާގައި އިތުރު ފަސް ދުވަހު އަހަރެން ހުރީމެވެ. ފާޚާނައިގައި އުޅޭ ވަގުތު ފިޔަވައި އެހެން ހުރިހާ ވަގުތަކު އަހަރެން ހުންނަނީ ހެޔޮ އެއްޗެހި ކިޔާލަކިޔާލައެވެ. ގޭތެރެ ވަރަށް އަމާނެވެ. އަހަރެން މާލެއައީމެވެ. ކިޔެވުން ނިންމައިފައި ހުމޭރު އައީ މާ ފަހުންނެވެ. އައިއިރު އައީ ސިހުމެއް ވެސް ހިފައިގެންނެވެ.

"އަސްލު ވެސް އެ ރޭ އިވުނު އަޑު،" ހުމޭރު އެ ސިއްރު ރައްކާކުރީ މާލެއަންނަންދެނެވެ. "ދޮންތަ ބިރުގަންނާނެތީ މަ ހަމަ ނުބުނީ. ކޮޓަރި ކައިރިން އިވުނީ. ދޮންތަ އައުމުގެ ކުރިން ވެސް، ވަރަށް މަދުމަދުން އިވޭނެ އެ އަޑު. މަ އަޅާނުލަނީ. އަޅާލައިގެން ކީއްކުރާނީ؟ ގޮތެއް ނުވެ އާދެވުނުކަން ހަމަ ނަސީބެއް!"

ނަސީބާ ދޭތެރޭ ގޮތެއް ނިންމުން މާ އަވަސްވި ކަހަލައެވެ. ކަންތައްތަކާ ކުރިމަތިވާން ފެށީ މާލެއައި ފަހުންނެވެ. ފުރަތަމަ ކަމަކަށް ފާހަގަކުރެވުނީ މަނާރަތު ނިދަން އޮންނަ ގޮތަށް ގެނައި ބަދަލެވެ. މަނާރަތު ނިދަނީ އަހަރެންގެ އެނދުގައެވެ. ފިރިމީހާ ރަށުގައި ނެތީމައި މަނާރަތު ކުޑަ އެނދަކަށް ނުގެންދަމެވެ. އެކަމަކު، އެނދުގެ މެދުގައި ބާއްވައި، ވަށައިގެން ބާލީސް ޖެއްސިޔަސް، އިރުކޮޅެއްވާއިރު މަނާރަތު އޮންނަނީ އެނދުގެ ކޮންމެވެސް ކަނެއްގައެވެ. އެ ގޮތް އޭނައަށް ފަސޭހަވީ ކުއްލިއަކަށެވެ. ނިދައިފައި އޮވެފައި، ކުއްލިއަކަށް ތެދުވެ، ހަތަރެސްފައި ޖަހައިގެން ދާއިރު މަނާރަތުގެ ލޮލެއް ނުހުޅުވައެވެ. ގަސްތުގައި ކުރާ ކަމެއްހެނެއް ހިއެއްނުވެއެވެ. ދެވަނައަށް ވާން ފެށި ކަމަކީ، ކޮޓަރީގެ ވަކި ކަނަކަށް މަނާރަތު ބަލަން ފެށުމެވެ. ބުއްބޯން އޮންނައިރު ވެސް އޭނަގެ ކަޅި ހުންނާނީ އެ ކަނަށެވެ.

ދެ ހާސް ސޯޅަވަނަ އަހަރުގެ ރޯދަމަހުގެ ރޭތަކުގެ ތެރެއިން ރެއެކެވެ. އަހަރެން އަޑުއަހައިފައި އޮންނަ ގޮތުން، ރޯދަމަހު ޖިންނި ޝައިތާނުން ތިބޭނީ ކަސްތަޅު އަޅުވައިފައެވެ. އެހެންވިޔަސް، ރޭގަނޑު މަނާރަތު ބޭރަށް ނެރެންޏާ އަހަރެން ކުރުސި ކިޔަމެވެ. ގަޑިން އޭރު ދިހަގަޑި ބައެވެ.

ނުނިމޭ